ހުޅުމާލޭގައި އިމާރާތްކުރާ 4000 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އެއްބަސްވުމުގައި ސޮއިކުރަން ދެވޭނީ އެ ކޯޕަރޭޝަނުން އެދުވަހަކު ސޮއިކުރަން ދިއުމަށް އަންގާ ފަރާތްތަކަށް އެކަންޏެވެ. މި މަޢުލޫމާތު ފޯރުކޮށްދެނީ އެސްއެމްއެސް މެދުވެރިކޮށެވެ.
މި މަޝްރޫޢުގެ ދަށުން ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 9,500 ރުފިޔާ އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7,000 ރުފިޔާއެވެ. ޑައުން ޕޭމަންޓްގެ ގޮތުގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25,000 ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15,000 ރުފިޔާ ދައްކަން ޖެހެއެވެ.
މި މަޝްރޫޢުގައި ހިމެނެނީ އަމާން ހިޔާގެ 6 ޓަވަރާއި އަމާން ދޯދީގެ 6 ޓަވަރެވެ. މީގެ ތެރެއިން 2,800 ޔުނިޓަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މެއިންޓަނަންސް ފީގެ ގޮތުގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް މަހަކު 1,500 ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް މަހަކު 1,000 ރުފިޔާ ދައްކަން ޖެހޭނެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިތުރަށް ފާހަގަކޮށްފައިވަނީ އެޕާޓްމަންޓްތައް ހަވާލުކުރެވޭނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހު ކަމަށާއި، ތަޅުދަނޑި ހަވާލުކުރެވޭނީ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށެވެ.