އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖޭއެސްސީ އިން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖޭއެސްސީ އިން ހުޅުވާލައިފި

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން މިއަދު ފަނޑިޔާރުކަމުގެ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރކުރެއްވުމާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.

ޖޭއެސްސީން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއެކު، ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި މަދުވެގެން 7 އަހަރުގެ ތަޖުރިބާ ހިމެނެއެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހެޅުއްވުމުން، އެ މަޖިލީހުން ފާސްކުރުމުންނެވެ.

އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ 2019 ވަނަ އަހަރު އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެވުނު ފަރާތެވެ. އަދި އެއީ ޝަރަފްވެރިކަމާއެކު މަޤާމުން ރިޓަޔަރވެވަޑައިގަތް ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މުޢުތަޞިމް ވަނީ މީގެ ކުރިންވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ރިޓަޔަރކުރެއްވުމާ ގުޅިގެން، ސުޕްރީމް ކޯޓު ވަގުތީގޮތުން ހިންގެވުމުގެ މަސްއޫލިއްޔަތު ވަނީ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ހަވާލުކުރެވިފައެވެ.

މިއަދު އޮންލައިން