ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ރައީސް ޑރ. މުޢިއްޒު ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް ރައީސް ޑރ. މުޢިއްޒު ފަށައިފި

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ބިމުގެ ގޮތުން ބޮޑު ރަށެއް ކަމަށްވާ ކެނދިކުޅުދޫގައި މި ޚިދުމަތް ފެށުމާއެކު، އެ ރަށުގެ ދެ އަވަށުގެ ސްކޫލު ކުދިންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްވެގެން ދާނެއެވެ. ޚިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އަމިއްލަފުޅަށް މި ޚިދުމަތް ތަޖުރިބާކުރައްވާފައެވެ.

އާރްޓީއެލްގެ ބަހުގެ ޚިދުމަތަކީ ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީގެ ގޮތުން ބޮޑެތި ރަށްރަށާއި ސިޓީތަކުގައި ފޯރުކޮށްދެމުންދާ ޚިދުމަތެކެވެ. މި ޚިދުމަތް ސަރުކާރުން ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މެދުވެރިކޮށެވެ.

އާރްޓީއެލްގެ މަޝްރޫޢު ކުރިއަށްގެންދަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅުވާލުމެވެ. އެންމެ ފަހުން މި ޚިދުމަތް ފަށާފައިވަނީ ރ. އަތޮޅުގެ ރަށްރަށަށެވެ.

އާރްޓީއެލްގެ ޚިދުމަތަކީ އަތްފޯރާ އަގެއްގައި ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަކަމާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

މިއަދު އޮންލައިން