އެސްޑީއެފްސީ ދެން ހިންގާނީ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި: ބީއެމްއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
އެސްޑީއެފްސީ ދެން ހިންގާނީ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި: ބީއެމްއެލް

އެސްޑީއެފްސީ ގަތުމަށްފަހު، އެތަން ދެން ހިންގާނީ ޝަރީޢާގެ އުޞޫލުން އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައިކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، މި ބަދަލުގެ ސަބަބުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުވެ، ދިވެހި އިޤްތިޞާދަށް ފުދުންތެރިކަން އިތުރުވެގެންދާނެކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، "އެސްޑީއެފްސީ މެދުވެރިކޮށް ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު އިސްލާމިކް ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދެވޭނެ" އެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ބީއެމްއެލްއިން ފައިނޭންސިންގ ފޯރުކޮށްދޭނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން އިސްކޮށް ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ޓްރޭޑް އަދި އީ-ކޮމާސް ވިޔަފާރިތައް ހިމެނެއެވެ.

ބޭންކުން ހާމަކުރި ގޮތުގައި، ފުރަތަމަ އަހަރުގެ ތެރޭގައި މި ސަބްސިޑައިރީ މެދުވެރިކޮށް 500 މިލިޔަން ރުފިޔާގެ ފައިނޭންސިންގ ދޫކުރުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި މުޖުތަމަޢުގެ ތަރައްޤީއާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށްޓަކައި މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް 3 އަހަރުގެ ތެރޭގައި 300 މިލިޔަން ރުފިޔާ އިންވެސްޓްކުރުމަށްވެސް ވަނީ ރޭވިފައެވެ.

މިއަދު އޮންލައިން