ނ. މަނަދޫގެ ނަރުދަމާ ނިޒާމު އެއްކޮށް އައުކުރުމުގެ މަޝްރޫޢު، އަންނަމަހު އާރުޑީސީން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ދޮޅު އަހަރެއްހާ ދުވަސްތެރޭގައި މަސައްކަތްކުރެއްވީ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ފަހިކުރުމަށް ކަމަށެވެ. އިޤްތިޞާދީ ގޮންޖެހުންތަކެއް ހުރިނަމަވެސް އެކަންކަން ގިރާކުރަމުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް މިހާރު ހޯދިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މަނަދޫގެ ނަރުދަމާ ނިޒާމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުން އެ ދަތިތައް ތަހައްމަލްކުރާތާ 10 ވަރަކަށް އަހަރުވެފައިވާއިރު، އެކަމުގެ ހައްލަކީ އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫޢުއެއް ހިންގުން ކަމަށެވެ. "އެއީ އޮތް ހަމައެކަނި ހައްލު، އެކަމަށް ޚަރަދުތަކެއްވެސް ހިނގާނެ" ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ދެއްވި މައުލޫމާތުގައި، އައު މަޝްރޫޢު ފެށުނު ނަމަވެސް މިހާރު އޮތް ނަރުދަމާ ނިޒާމުގެ ތެރެއިން ވަގުތީ ހައްލެއް ގެނައުމަށް ފެނަކައިން މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ނަރުދަމާގެ މަޝްރޫޢުއާއެކު މަގު ހެދުމުގެ މަޝްރޫޢުވެސް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
"އެހެންވީމަ ނަތީޖާއަކަށްވާނީ މިއަންނަ އަހަރު ނިމެންވާއިރަށް އެއްކޮށް ނަރުދަމާ ނިޒާމު ބަދަލުކޮށް، މަގުތައް ހެދުމުގެ މަޝްރޫޢުގަވެސް ފުދޭވަރެއްގެ ޕްރޮގްރެސްއެއް އަންނާނެކަމަށް. ނަރުދަމާއަށް ދޮޅު އަހަރު އަދި ނިމޭވަރަކުން މަގުތައްވެސް ހެދުމުންދާނެ،" ރައީސް ވިދާޅުވިއެވެ.