4000 ހައުސިންގ ޔުނިޓަށް، އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ދައްކައިފިނަމަ ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން ހާމަކޮށްފިއެވެ.
އެފް.ޑީ.ސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، މި 4000 ހައުސިންގ ޔުނިޓްގެ އެއްބަސްވުންތަކަކީ ޝަރީޢާގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ އެއްބަސްވުންތަކެކެވެ. މި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހު ކުއްޔާއި މެއިންޓަނަންސް ފީ އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކައިފިނަމަ، އެ ފަރާތަކަށް 100 އިންސައްތައިގެ ސަބްސިޑީގެ މަންފާ ލިބޭނެއެވެ.
އެފް.ޑީ.ސީން ހާމަކުރި ގޮތުގައި، މަހެއްގެ 16 ވަނަ ދުވަހުގެ ކުރިން ކުލި ދައްކާ ފަރާތްތަކަށް 75 އިންސައްތައިގެ ސަބްސިޑީއެއް ލިބޭނެއެވެ. އަދި 21 ވަނަ ދުވަހުގެ ކުރިން ދައްކާނަމަ 50 އިންސައްތައިގެ ސަބްސިޑީއެއް ލިބޭނެއެވެ. މީގެއިތުރުން، 26 ވަނަ ދުވަހުގެ ކުރިން ދައްކާ ފަރާތްތަކަށް 25 އިންސައްތައިގެ ސަބްސިޑީއެއް ލިބޭނެއެވެ. ނަމަވެސް 26 ވަނަ ދުވަހުގެ ފަހުން ކުލި ދައްކާނަމަ، ސަބްސިޑީގެ އެއްވެސް މަންފާއެއް ނުލިބޭނެއެވެ.
އެއްބަސްވުމުގެ ދަށުން، މަހު ކުއްޔާއި ސަބްސިޑީ މަހުގެ ނިޔަލަށް ނުދައްކައިފިނަމަ، އެ ފައިސާ ދެއްކުމަށް އެދި އެފް.ޑީ.ސީން ކުއްޔަށް ހިފާ ފަރާތަށް 30 ދުވަހުގެ ނޯޓިހެއް ދިނުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި އުސޫލަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓްގެ ކުލި ދެއްކުމުގައި ޢަމަލުކުރާނެ އުސޫލު ކަމަށްވެފައި، މި އުސޫލުގެ ސަބަބުން ގިނަ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.