ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ނ. އަތޮޅުގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މި ޚިދުމަތް ނ. އަތޮޅުގައި ފެށުމާއެކު، އެ އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ޕާސްޕޯޓު ނެގުންފަދަ ކަންކަން މާލެއަށް ދަތުރުކުރުމެއް ނެތި، ފަސޭހަކަމާއެކު ކޮށްލެވޭނެއެވެ. މިއީ ރައީސް ޑރ. މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެއްކަމަށްވާ، ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނައުމުގެ މަސައްކަތުގެ ބައެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެފައިވަނީ، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެ އިދާރާގެ އަމާޒެއް ކަމަށެވެ. މި މަޝްރޫޢު ކުރިއަށް ދިއުމާއެކު، ދުރު ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިފައިވާ ބޮޑު ދަތިކަމަކަށް ލުޔެއް ލިބިގެންދާނެއެވެ.