ޙިޖާމާ ޖެހުމަކީ ބަރުދަން ލުއިވާކަމެއް ކަމަށް އިޝްތިހާރު ނުކުރަން ފަޒީ ޙިޖާމާއަށް ހެލްތް މިނިސްޓްރީން އަންގައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 18ސ
ޙިޖާމާ ޖެހުމަކީ ބަރުދަން ލުއިވާކަމެއް ކަމަށް އިޝްތިހާރު ނުކުރަން ފަޒީ ޙިޖާމާއަށް ހެލްތް މިނިސްޓްރީން އަންގައިފި!

ޙިޖާމާ ޖެހުމަކީ ބަރުދަން ލުއިވާކަމެއް ކަމެއް ކަމަށް އިޝްތިހާރު ނުކުރަން ފަޒީ ޙިޖާމާއަށް ހެލްތް މިނިސްޓްރީން އަންގައި ސިޓީ ފޮނުވާފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެއެވެ. 

"އަޅުގަނޑުމެން ވާނީ އެގޮތަށް އިޝްތިހާރު ނުކުރަން އަންގައި ސިޓިއެއް ފޮނުވާފަ!" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

ޙިޖާމާ ޖެހުމަކީ ސުންނަތަކަށްވާއިރު ސުންނަތުން އެނގެން ނެތް އަދި ޑޮކްޓަރީގޮތުންވެސް ޘާބިތު ނުކުރެވޭ ކަންކަމުގެ ފައިދާ ކުރާނެ ކަމަށް އިޝްތިހާރުކުރަން ފެށުމުން ކަމުގެ ޙަޤީޤަތް އަންގައިދިނުމަށް މިއަދުނޫހުން ވަނީ މިމަހުގެ 16 ވަނަދުވަހު މަސައްކަތްކޮށްފައެވެ. 

ސުންނަތާ އަދި ދީނާއި ގުޅުވައިގެންވެސް އާމްދަނީ ހޯދަން ކުރުން ހުއްދަވާނީ ޘާބިތުވާ ކަންކަމުގައެވެ. ނޫންނަމަ އެކަން ވާނީ މަކަރާ ޙީލަތުގެ އިތުރުން ކުރެވޭ ބޮޑު ފާފައަކަށެވެ. ދުޢާއަކީ މިފަދަ ކަންކަން އެންމެންނަށްވެސް އެނގި މާތް ﷲ އަށް ބިރުވެތިވުމެވެ. 

މިއަދުނޫހުގައި ޝާއިޢުކުރި ލިޔުން: 

 

ހިޖާމާ ޖަހައިގެން ދެތިން ކިލޯ ލުއިކޮށްލުމަކީ ހަމަ ސުންނަތުން ސާބިތުވާން އޮތް ކަމެއްތަ؟ 

ޢަލީ އިޙްޞާން ފިރާޤް

ރަސޫލާގެ صلّى اللّـه عليه وسلّم  ޙަދީޘް ބަސްފުޅެއްގައިވެއެވެ. [ތިޔަބައިމީހުންގެ އެންމެ ރަނގަޅު ފަރުވާއަކީ ޙިޖާމާ ޖެހުމެވެ.]

ޙިޖާމާއަކީ ފަރުވާއެއް ކަމާމެދު މިޒަމާނުގެ ޑޮކްޓަރުންވެސް ދެބަހެއްނުވެއެވެ. އެގޮތުން ލޭގައި ހުންނަ ވިހަ މާއްދާތައް ސާފުކޮށްލުމާއި ލޭ ހިނގުން ރަނގަޅު ކުރުމާއި ބައެއް ކަހަލަ ތަދުތަކުން ސަލާމަތްކޮށްދޭކަމަށް މި ޒަމާނުގެ އިލްމުވެރިންވެސް ވިދާޅުވިއެވެ.

މި ދުވަސްވަރު އެންމެ ބޮޑަށް ވައިގައި ހިފައިގެން އުޅެނީ ޙިޖާމާ ޖަހައިދޭ މީހަކު އެންމެ ސެޝަނަކުން ތިން ހަތަރު ކިލޯ ލުއިކޮށްދޭ ވާހަކައެވެ. އަދި ޕްރޮމޯޓްކުރަމުން ގެންދަނީ ޙިޖާމަ ޖެހުމަށްފަހު ކެއުމަށް ބެލުމެއްނެތި އަދި ކަސްރަތުކުރެމެއްނެތި ލުއިކޮށްލެވޭކަމުގައެވެ. ނަމަވެސް މިއީ ހަގީގަތުގައިވެސް ސުންނަތުން ސާބިތުވާ ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ މުހިންމު ކަމެކެވެ.

ރަސޫލާ صلّى اللّـه عليه وسلّم  ގެ ޙަދީޘް ބަސްފުޅުތަކުގައިވަނީ ހެލި ފެލިވެ އުޅުމަށް ބާރު އަޅުއްވައިފައެވެ. އެގޮތުން އެކަލޭގެފާނު ޙަދީޘް ފުޅު ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. [الله ގެ ޙަޟްރަތުގައި ބަލިކަށި މުއުމިނަކަށްވުރެ ގަދަފަދަ މުއުމިނެއްގެ ލޮބުވެތިކަން މާބޮޑެވެ.] {ބުޚާރީ އާއި މުސްލިމު}

ޝައްކެއްނެތް ގޮތުގައި ކަސްރަތުކޮށް ހެލިފެލިވެ އުޅުމަކީ މީހާގެ މަސްތަކާއި ކަށިތަކުގެ ބާރުގަދަކޮށްދޭކަމެކެވެ. މީހާގެ ބުންވަރު އިތުރުކޮށްދޭކަމެކެވެ. ގަވައިދުން ކަސްރަތު ކުރުމަކީ ފަލަބައްޔާއި އެނޫންވެސް ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ.

ހެލިފެލިވެ އުޅުމުގެ މުހިންމުކަން ހާމަވާ އަނެއް ޙަދީޘަކީ ދަރިންނަށް ފެތުމާއި ތީރުހެވިކަމާއި އަސްދުވަން ދަސްކޮށްދޭން ބާރު އަޅުއްވައިފައިވާ ޙަދީޘެވެ.

ޚުދު ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم  އަކީވެސް ވަރަށް ހަރަކާތްތެރި ދިރިއުޅުއްވުމެއް އުޅުއްވި ބޭކަލެކެވެ. ރުކާނާއޭ ކިޔުނު ބޭކަލެއްގައިގައި ބަނޑުމުސާރައަށް ހިއްޕަވައި އޭނާ ބަލިކުރެއްވި ކަމީ އެކަލޭގެފާނުގެ ހަށިކޮޅުގެ ދުޅަހެޔޮކަމުގެ ހެއްކެވެ.

ޙިޖާމާއަކީ ފަރުވާއެއްކަމުގައި ޙަދީޘް ކުރެއްވި މާތް ސާހިބާވަނީ ކެއުމުގައި ބޭނުން ކުރަންޖެހޭނެ ރަނގަޅު އުސޫލުތައްވެސް ބަޔާން ކުރައްވައިފައެވެ. ކެއުމުގައި ހައްދުފަހަނަ އަޅައި ނުދިޔުމަށް އަންގަވައިފައެވެ. ބަލައިގެން ކެއުމަށް މިއުއްމަތުގެ މީސްތަކުންނަށް އިރްޝާދު ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

[އާދަމުގެ ދަރިޔަކު  އޭނާގެ ބަނޑަށްވުރެ ނުބައި ކަންވާރެއް ނުފުރައެވެ. އާދަމުގެ ދަރިޔާއަށް އޭނާގެ މައިކަށި ތެދަށް ބެހެއްޓޭވަރުގެ މަދު ސުވާކޮޅެއް ފުދެއެވެ. ފަހެ ކެއުންބުއިން ނޫންގޮތެއް ނެތްނަމަ އޭނާގެ ބަނޑުގެ ތިންބައިކުޅެ އެއްބަޔަށް ކާށެވެ! އަދި ތިންބައިކުޅަ އެއްބަޔަށް ބޯށެވެ! އަދި ތިންބައިކުޅަ ނޭވާލުމަށްޓަކައި ހުސްކޮށް ބަހައްޓާށެވެ! ] {ތިރްމިޒީ}

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތަކުގައި އައިސްފައިވާ ފަރުވާއަކީ ހަމައެކަނި ޙިޖާމާއެއްނޫނެވެ. ކަޅުދިރި އާއި މާމުޔާއި އަޖްވާ ކަދުރާއި ބައެއް ބާވަތުގެ ފަތްޕިލާވެއްޔާއި ރުޤްޔާ އާއި ޒަމްޒަމްފެންވެސް ހިމެނެނީ ބޭސްވެރިކަމުގެ ތެރެއިންނެވެ. ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު އެޒަމާނުގެ ބޭސްވެރިންގެ ފަރާތުން ފަރުވާ ހޯދެއްވި ކަމަށް ޢާއިޝަތުގެފާނު ވިދާޅުވެއެވެ.

އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ ޢުރުވަތު ބިން ޒުބައިރު އެއްފަހަރަކު އެކަމަނާއަށް ދެންނެވިއެވެ. 

"ފިޤުހު ޢިލްމަށާއި، ނަސަބުގެ ޢިލްމަށް ކަމަނާގެ މޮޅުފުޅުކަމާއި، ކުޅަދާނަފުޅުކަމުގެ މައްޗަށް އަޅުގަނޑު އަޖާއިބެއް ނުވަމެވެ. އެހެނީ، ކަމަނާއަކީ، އިސްލާމްދީނުގެ ނަބިއްޔާގެ އަނބިކަނބަލުންނެވެ. ޤުރައިޝުންގެ އެންމެ މޮޅު ޢިލްމުވެރިޔާ އަބޫބަކުރުގެފާނުގެ ދަރިކަނބަލުންނެވެ. ނަމަވެސް އަޅުގަނޑު އަޖާއިބުވަނީ، ކަމަނާ ބޭސްވެރިކަމުގެ ޢިލްމުގައި ކުރިއަރައި ވަޑައިގެންފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. ކަމަނާ ބޭސްވެރިކަން ދަސްފުޅު ކުރެއްވީ ކިހިނެތްތޯއެވެ؟]

މިއަޑު އައްސަވައި، ޢާއިޝަތުގެފާނު ޢުރުވަތުގެ އަތްޕުޅުގައި ހިތްޕަވައި ވިދާޅުވިއެވެ. [އޭ ޢުރުވަތެވެ. ނަބިއްޔާ صلّى اللّـه عليه وسلّم  އަށް އާލާސްކަންފުޅެއް ޖެހިވަޑައިގަންނަވާ ކޮންމެ ފަހަރަކު، ޢަރަބީންނާއި، އަޖަމީންގެ މީހުން އެކަލޭގެފާނަށް ބޭސްކޮޅު ތައްޔާރުކޮށްދެއްވައި ހައްދަވައެވެ. އެތަނުން ބޭސްވެރިކަން ތިމަންކަމަނާ ދަސް ކުރީމެވެ.] {މުސްނަދު އިމާމު އަޙްމަދު: ހަވަނަ ޖިލްދުގެ 67 ވަނަ ޞަފްޙާ}

ރަސޫލާ صلّى اللّـه عليه وسلّم  ގެ ސުންނަތް އައްޑަނައަކަށް ހަދައިގެން ބައެއް މީހުންދަނީ ހައްދެއް ނެތް މިންވަރަށް އެބައިމީހުންގެ ވިޔަފާރިތައް އިޝްތިހާރު ކުރަމުންނެވެ. ދޮގު މައުލޫމާތުތަކާއި ދޮގު ރިޕޯޓްތައް ލައިގެންނެވެ. އެމީހުން ފަތުރަމުން ގެންދާ ދޮގުމައުލޫމާތަކަށް ރައްދުދޭ ކަމާބޭހޭ މާހިރުންނަށް އަލުން އެބައިމީހުންގެ އިޝްތިހާރުތައް ނުފެންނާނެހެން ބްލޮކްކޮށްގެންނެވެ.

ސިއްހީ ދާއިރާގެ ކަންތައްތަކަކީ ބަހުސްކޮށް ރަނގަޅު މައުލޫމާތު އޮޅުން ފިލުވެން އޮންނަ ދާއިރާއެކެވެ. ބައެއް ޕޭޖުތަކުގައި އެމީހުން ހުދު ބައްޔަށް ފަރުވާ ދޭކަމަށްވެސް ބުނެފައި ހުރެއެވެ. ބަލިމީހާގެ ފޮޓޯވެސް ލައިފައި ހުރެއެވެ. ނަމަވެސް އެއީ ވިޓިލިގޯކަމުގެ އެއްވެސް ޑޮކްޓަރުގެ ލިޔުމެއް ނުލައެވެ. ހަމުގައި ހުންނަ ކޮންމެ ހުދުތަންކޮޅުތަކަކީ އެއީ އަދި ހުދުބަލި ނުވަތަ ވިޓިލިގޯއެއް ނޫނެވެ. ހުދުބަލިގޮތަށް ހުންނަ އެއާ އެކަހަލަ ބަލިތައް ހުރެއެވެ. މިސާލަކަށް  (Pityriasis alba) ފަދަ ބަލިތައް ހުރެއެވެ. މި ބައްޔަކީ މާ ވަރުގަދަ ފަރުވާތަކެއްނެތިވެސް އޭގެ ޒާތުގައި ފަސޭހަވެސްވާ ބައްޔެކެވެ. ނަމަވެސް ހުދުބަޔަށް އަދި އަދަށް ދާންދެންވެސް ފަރުވާއެއް ހޯދިފައެއްނެތެވެ. އެ ބައްޔަށް ހޯދިފައިވާ ފަރުވާއަކީ ބަލިފެތުރުން ލަސްކުރުމަށާއި ކޮންޓްރޯލް ކުރުމަށްދެވޭ ފަރުވާއެވެ. މިފަދަ އެތައް އޮޅުވާލުމެއް އެފަދަ އިޝްތިހާރުތަކުން ފެންނާނެއެވެ. ހުދުބައްޔަށް ފަރުވާ ދެއްވާ އެއްކޮށް ފަސޭހަ ކުރައްވައިފައިވަނީ ހަމައެކަނި ޢީސާގެފާނެވެ. އެއީ އެކަލޭގެފާނަށް ދެއްވި މުއުޖިޒާތެކެވެ. މިވާހަކަ ޤުރްއާނުގައި އޮވެއެވެ.

ވީމާ ޤުރްއާނާއި ސުންނަތް އައްޑަނައަކަށް ހަދައި ތިމާގެ އަމިއްލަ މަންފާއަށްޓަކައި އޮޅުވައިލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. الله ބަރާކާތް ލައްވާނީ ތެދުވެރިންގެ އަތްތަކުގައެވެ. ފަރުވާ ކުރުމުގައި އެންމެ ރަނގަޅު ގޮތަކީ ޒަމާނީ ބޭސްވެރިކަމުގެ ހޯދުންތަކާއެކު ސުންނަތުން ސާބިތުވާ ބޭސްފަރުވާވެސް ބޭނުން ކުރުމެވެ.

 

މިއަދު އޮންލައިން