ބޭންކުތަކަށް އެމްއެމްއޭއިން ދޫކުރާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ބޭންކުތަކަށް އެމްއެމްއޭއިން ދޫކުރާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރުކޮށްފި

ރާއްޖެއަށް މުދާ އެތެރެކުރުމަށް ވިޔަފާރިތަކަށް ދޭ ޑޮލަރުގެ އެހީތެރިކަމަށް ބޭނުންވާ ޑޮލަރު ހިމެނޭހެން، ރާއްޖޭގެ ބޭންކުތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރުކުރުމަށް އެމްއެމްއޭއިން ނިންމައިފިއެވެ. ބީއެމްއެލްގެ މަސްދަރުތަކުން ލިބުނު މައުލޫމާތުތަކަށް ބުރަވާހިނދު، މި ބަދަލަށް މި ހަފްތާއިން ފެށިގެން އަމަލުކުރަން ފަށާނެކަމަށް އެމްއެމްއޭއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

މި ނިންމުމުގެ ސަބަބުން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ ނިސްބަތް 40 އިންސައްތައަށް އިތުރުކުރުމަށް މަގުފަހިވެގެން ދާނެކަމަށް އެމްއެމްއޭއިން ވަނީ ފާހަގަކުރައްވާފައެވެ. މިއީ ވިޔަފާރިތަކަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ ނިސްބަތް 60 އިންސައްތައިން 90 އިންސައްތައަށް ވަނީ މަތިކޮށްފައެވެ. ބޭންކުންތަކުން އެމްއެމްއޭއަށް މާރުކުރާ ޑޮލަރުގެ 60 އިންސައްތަ ބޭނުން ކުރަނީ، ސަރުކާރުގެ އެކި ބޭނުންތަކަށާއި ރާއްޖޭގެ ބޭރު ފައިސާ ރިޒާވް އިތުރުކުރުމަށެވެ.

އެމްއެމްއޭއިން ހާމަކުރައްވާ ގޮތުގައި، ދާދި ފަހުން ގެނެވުނު ބަދަލާއެކު ބޭންކުތަކުން އިތުރަށް މާރުކުރާ 30 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ.

މި ފައިސާ ބޭނުންކުރެވޭނީ ވަކި ކަންކަމުގައި ކަމަށް އެއިދާރައިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި އާންމުންގެ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި، ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ބޭނުންކުރެއެވެ. އަދި މި އަދަދުގެ ބޮޑު ބައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ދަނީ ބޭނުންކުރަމުންނެވެ. މި ބަދަލަކީ ގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލެއް ގެނުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން