އިންސާނީ ވަގުފާރިއާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވުމަށް ޚާއްސަ ވޯކްޝޮޕެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
އިންސާނީ ވަގުފާރިއާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވުމަށް ޚާއްސަ ވޯކްޝޮޕެއް ފަށައިފި

އިންސާނީ ވަގުފާރިއާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ބާރުވެރިކުރުވުމަށް ޚާއްސަ ތަމްރީނު ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ. މި ވޯކްޝޮޕަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ، މީހުން ވިލަރެސްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވީ، ހިއުމަން ޓްރެފިކިންގ ނުވަތަ އިންސާނީ ވަގުފާރިއަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ.

"އިންސާނީ ވަގުފާރިއަކީ ހަމައެކަނި ޖިނާއީ މައްސަލައެއް ނޫން. އެއީ އަސާސީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމެއް. އަދި މިނިވަންކަމާ ދެކޮޅަށް ކުރެވޭ ހަމަލާއެއްވެސް މެ. އަދި މި ކޮންފަރެންސް ބޭއްވޭ ވަގުތުގައިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނުން ވިޔަފާރީގެ ގޮތުގައި ގަނެވިއްކުމުގެ ވިއުގަތައް ދަނީ އިތުރަށް ފުޅާވަމުން. އެ ފަރާތްތަކުން އާ ޓެކްނޮލޮޖީއާއި، އިޖްތިމާޢީ-އިޤްތިޞާދީ ނާޒުކުކަން ނަހަމަ ގޮތުގައި ބޭނުންކުރަމުންދޭ." ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވީ، ހަމައެކަނި ސަރުކާރުން މަސައްކަތްކޮށްގެން އިންސާނީ ވަގުފާރީގެ މައްސަލައަށް ހައްލެއް ނުގެވޭނެކަމަށެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ މި މައްސަލަ ހައްލުކުރުމަށްޓަކައި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ގިނަ ފަރާތްތަކެއްގެ ބައިވެރިވުން ހޯދުން ކަމުގައި ވެސް ޑރ. ފައިރޫޝް ވިދާޅުވިއެވެ.

މިއަދު އޮންލައިން