ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ވަގުތީ ލިސްޓް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ. މި ލިސްޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހެވެ. މިފަހަރުގެ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ޖުމްލަ 500 ފުރުޞަތު ހުޅުވާލާފައިވެއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި ލޯނަށް އެދުމުގެ މުއްދަތު މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ހަމަވެފައިވެއެވެ.
ވުޒާރާއިން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ ސްޓޫޑެންޓް ލޯނަށް މުޅި ޖުމްލަ 1338 ދަރިވަރުން ކުރިމަތިލާފައިވެއެވެ. މި ދަރިވަރުންގެ ތެރެއިން 806 ދަރިވަރުން ލޯނަށް ޝަރުތު ހަމަވެފައިވާއިރު، ލޯނަށް ހޮވޭ ދަރިވަރުންގެ ވަގުތީ ލިސްޓް މިހާރު ވަނީ އާންމުކުރެވިފައެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ލޯނަށް ހޮވޭ ދަރިވަރުންގެ ވަގުތީ ލިސްޓް އެ ވުޒާރާގެ ރަސްމީ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. އަދި އެޕްލިކޭޝަންގެ "ސްޓޭޓަސް" ގައި ބަދަލެއް އައިސްފިނަމަ، އެކަން ދަރިވަރުންނަށް މެސެޖަކުން އެންގުމުގެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން، ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ނުހޮވޭ ދަރިވަރުންނަށް އެކަމުގެ ސަބަބުވެސް ވެބްސައިޓުން ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
މިކަމާ ގުޅިގެން އިތުރު ސުވާލެއް އުފެދޭނަމަ ނުވަތަ ނަތީޖާއާއި ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ، އެކަން ބަޔާންކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެ ވުޒާރާއިން މިހާރު ވަނީ ހުޅުވާލާފައެވެ.