ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓު ޕްރޮގުރާމުގެ ދަށުން 4 ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖައްސަވައިފިއެވެ. މިކަމަށްޓަކައި އެ ހަތަރު ފަރާތާއެކު އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ޕެންޝަން އޮފީހުގައެވެ.
ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓު ޕްރޮގުރާމަކީ، އިޖުތިމާޢީ މަޝްރޫޢުތަކާއި ހަރަކާތްތަކަށް އެހީވުމަށް ޚާއްސަކޮށްގެން ޕެންޝަން އޮފީހުން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި މުޖުތަމަޢު ބާރުވެރިކޮށް، އިޖުތިމާޢީ ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ގްރާންޓުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނީ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތަޢުލީމާއި ތަމްރީނުދޭ ފަރާތްތަކުން އިޖުތިމާއީ ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކަށެވެ. މީގެ އިތުރުން، ފައިނޭންޝިއަލް ލިޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކަށް ވެސް މި ގްރާންޓުން އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ ބޭނުމަކީ، މާލީ ގޮތުން ރައްކާތެރިކަން އިތުރުކޮށް، ފަރުދީ ފެންވަރުގައި މާލީ ރޭވުންތެރިކަން ކުރިއެރުވުމަށް އެހީތެރިވުމެވެ.
މި ސީއެސްއާރު ގްރާންޓް ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ އެޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ. އަދި މިކަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ކަމަށްވާ މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. ގިނަ އަދަދެއްގެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން މި ހަތަރު ފަރާތް ވަނީ ހޮވާފައެވެ.