އަންނަ އަހަރު ކުޅިވަރުގެ މުޅިން އައު މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށާނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
އަންނަ އަހަރު ކުޅިވަރުގެ މުޅިން އައު މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށާނަން: ރައީސް

ރާއްޖޭގެ އެކި ހިސާބުތަކުގައި، އަންނަ އަހަރު ކުޅިވަރުގެ މުޅިން އައު މަޝްރޫޢުތަކެއް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޚާއްސަކޮށް ހޭންޑްބޯލް ކުޅިވަރު ތަރައްޤީކުރުމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ލަންދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއް މިއަހަރަށްވެސް ރާވާ ހިންގަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް 2026 ވަނަ އަހަރު ކުޅިވަރުގެ މުޅިން އައު މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި ހަލުވިކަމާއެެކު ކުރިއަރަމުން އަންނަ އެއް ކުޅިވަރުކަމަށްވާ ހޭންޑްބޯލް ކުރިއެރުވުމަށް ޚާއްސަ ވިސްނުންފުޅެއް ސަރުކާރުގައި އެބައޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވައިގައި ހިފާފައިވާ މިކުޅިވަރު ތަރައްޤީކުރުމުގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި މިކަމަށް ޚާއްސަ ބައެއް އެކުލަވާލާފައިވާ ކަމަށާއި، އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރެއަށް މިކަން އިތުރުކުރެވިފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

މިގޮތުން، ހޭންޑްބޯލް ކުޅިވަރު ތަރައްޤީކުރުމުގެ މި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ފެށިގެންދާނެކަމަށާ، އެ ލިސްޓުގައި ލަންދޫ ހިމެނޭކަމުގެ އުފާވެރި ޚަބަރު އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

"އަޅުގަނޑުމެން މިހާރު ޕްލޭންކޮށްފަ އޮތީ މިގޮތަށް ވަރަށް ގިނަ ރަށްތަކުގައި ހޭންޑްބޯލް ކުޅުމަށް ބޭނުންވާތީ އަދި އަޅުގަނޑުމެން ކުރިއަރުވަން ބޭނުންވާ ކުޅިވަރަކަށް ކަނޑައަޅާފަ އޮތް މަޝްރޫޢަކަށްވާތީ. މި މަޝްރޫޢަކީ ވަރަށް ގިނަ ރަށްތަކުގައި ހިންގަންޖެހޭ މަޝްރޫޢެއްވީމަ،" ރައީސް ވިދާޅުވިއެވެ. މިކަމުން ދައްކުވައިދެނީ، ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދެއްވާ އިސްކަންކަމަށެވެ.

މިއަދު އޮންލައިން