ނ. ކުޑަފަރީގައި ދާއިމީގޮތެއްގައި އޭލެވެލަށް ކިޔަވައިދިނުމަށްޓަކައި ސައިންސް ލެބަކާއި އިތުރު ހަ ކްލާސްރޫމް އަޅުއްވައިދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހަވީރު ނ. ކުޑަފަރީ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އެ މަސައްކަތް ކުރިއަށްގެންދަވާނީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކަމަށެވެ.
ނ. ކުޑަފަރީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައި ހުރި ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ރައްޔިތުން އެދޭފަދައިން އެ މަޝްރޫޢުތައް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާއިރު، ކުޑަފަރީއަށް އިޤްތިޞާދީގޮތުން ނަފާ ލިބޭނެގޮތަށް ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް އަދި ރައްޔިތުންވެސް ބޭނުންވާގޮތަށް އެމަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސިޔާސަތަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޚިޔާލު ތަފާތުވުން ހުރަހަކަށް ނުވާނެގޮތަށް މަސައްކަތްކުރެއްވުންކަމަށް ވިދާޅުވިއެވެ.
"އެއްވެސް ރަށެއްގެ ކައުންސިލުން ޚިޔާލު ތަފާތުވެގެން ސަރުކާރަށް އެއްވެސް ކަމެއްގައި އެއްބާރުލުން ނުދިނުމަކީ ނުވަތަ ލަސްތައް ނޫނީ ހުރަސްތައްކުރިމަތިކުރުވުމަކީ އަޅުގަނޑުމެން ކަންބޮޑުވާކަމަކަށް ނުވާނެ. އަޅުގަނޑުމެންނަށް މުހިންމީ ރައްޔިތުންނާ ގާތަށް އައިސް އަޑުއަހައިގެން ކަންކަން ކޮށްދިނުން. އެހެންވެ ރައްޔިތުން ގާތަށް މިއަންނަނީވެސް ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރުމަށް."
ސިޔާސީ ގޮތުން ޚިޔާލުތަފާތުވުން އޮތްބަޔަކަށް އެކަން ދޫކޮށްލާފައި އެމަނިކުފާނު ކުރިއަށްދާނީ ސަރުކާރުގެ ސިޔާސަތާއިގެންކަމަށާއި، އެހެންކަމުން ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާކަމެއް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީ ލިބޭނެ ހުރިހާ މަގަކުން ސަރުކާރުން ކަންކަން ފަހި ކޮށްދެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ މިހާރު ހުރި އިންޖީނުގެ ހުރިތަނުގައި އެންމެ ޒަމާނީފެންވަރުގެ، އަޑުބޭރަށް ނުދާގޮތަށް ބެލެހެއްޓޭނެ އިންޖީނުގެއެއް ގާއިމްކުރުމަށް ނިންމަވާފައިވާކަމަށެވެ.
މީގެ އިތުރުން، ކުޑަފަރީގައި ބިނާކުރަން ނިންމާފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށް ޚާއްޞަ ބިމެއް ކައުންސިލުން ފަހިކޮށްދެއްވުމުން އެކަން ކުރިއަށްދާނޭ ކަމުގެ ފެހި ސިގުނަލްވެސް އެމަނިކުފާނު މިއަދު ދެއްވާފައިވެއެވެ.
ރައީސް ވަނީ ކުޑަފަރީގެ ތަރައްޤީއަށް ބޭނުންވާ ކޮންމެކަމެއްގައި ސަރުކާރުން އެއްބާރުލުންދީ އެއްވެސް ތަފާތުކުރުމެއްނެތި ކުޑަފަރީގެ ތަރައްޤީގެ ކަންކަން ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.