ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބިނާކުރުމަށް ހަމަޖެހިފައިވާ ވަޤުފް ޢިމާރާތް، ދާރުލް ސަލާމް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިޢުލާން ކޮށްފިއެވެ. މި ޢިމާރާތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 11646 ގައެވެ.
މި މަޝްރޫޢުގެ ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަދި ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދުގެ ދަށުން ޢިމާރާތްކުރުމުގެ މަސައްކަތަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. އަދި ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ. ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހަޅަން ވާނީ މިނިސްޓްރީއަށް ވަޑައިގެންނެވެ.
ދާރުލް ސަލާމް ޢިމާރާތަކީ ހުޅުމާލޭގައި އަލަށް ބިނާކުރެވޭ ވަޤުފް ޢިމާރާތެއް ކަމަށްވެފައި، މި ޢިމާރާތް ނިމުމުން ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް ބެލެވެއެވެ.