ހަސަން ޔާމީން ހޯދުމުގެ މަސައްކަތް މެރިން ޕޮލިހާއި ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ދަނީ ކުރަމުން: ފުލުހުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހަސަން ޔާމީން ހޯދުމުގެ މަސައްކަތް މެރިން ޕޮލިހާއި ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ދަނީ ކުރަމުން: ފުލުހުން

ގެއްލިގެން ހޯދަމުންދާ ހަސަން ޔާމީން ހޯދުމުގެ މަސައްކަތް މެރިން ޕޮލިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ކުރިއަށްދާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ގ. ގަރނެޓްގައި ދިރިއުޅޭ އުމުރުން 30 އަހަރުގެ ޙަސަން ޔާމީން ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 21:25 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަ ތަނުންނެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި މައްސަލައިގައި އޭނާ ހޯދުމަށްޓަކައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ވަނީ ބަލައި ދިރާސާކޮށްފައެވެ. މި ދިރާސާތަކުން ދައްކާ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހުގެ ފަތިހު 3:24 ހާއިރު، އޭނާ ސިނަމާލެ ބްރިޖު މަތިން ފެނިފައިވެއެވެ. އަދި އޭނާ ފުންމާލި މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނުމާ ގުޅިގެން، މިހާރު އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކަނޑުމަގުން ކުރިއަށެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ސައްޙަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ފެތުރުމުން އެއްކިބާވުމަށް މީޑިއާތަކާއި އާންމުންގެ ކިބައިން އެދިފައެވެ. އަދި އާއިލާއަށް އިޙްތިރާމްކުރުމުގެ ގޮތުންނާއި މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން، ހަމައެކަނި ފުލުހުން ދޭ މައުލޫމާތަށް ބަރޯސާވުމަށްވެސް އެދިފައިވެއެވެ.

މި މައްސަލައިގައި އިތުރު މައުލޫމާތު ލިބުމާއެކު އާންމުންނާ ހިއްސާކުރާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން