ސައްޙަ ނޫން ކޯޓު އަމުރެއް ނެރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރު ކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި، އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 17 އަހަރުގެ ޖަލު ހުކުމް، ހައިކޯޓުން ބާތިލުކޮށް އޭނާ މިއަދު މިނިވަން ކޮށްފިއެވެ.
މިއަދު މެންދުރު ހައި ކޯޓުގައި ބޭއްވި މިމައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގައި ގާޒީ ނިހާން ގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ނިންމީ، އެހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލްތަކާއި ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައެޅުމަށްފަހުއެވެ.
ގާޒީ ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެފައި ވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގައެވެ.
މީގެއިތުރުން އޭނާގެ މައްޗަށް ކުރާ ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ދައުވާއާއި، ސައްޙަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާތައް ވެސް ވަނީ ބާތިލު ކޮށްފައެވެ.