އެކުވެރިންގެ ތެރޭގައިވެސް 2 މޫނުގެ ވެރިން ގިނަވެއްޖެއެވެ. މިބުނަނީ އެއްކަމެއްގައި އެކި މީހުން ގާތުގައި އެކި ގޮތަށް ވާހަކަދައްކަމުން ހިނގާ މުނާފިޤުން ގިނަވި ވާހަކައެވެ. ކަމެއް ބޭނުންވުމުން ޙަޤީޤަތް ހިތުގައި ފޮރުވާފައި ބާއްވައިގެން އަނެކާ ރުހޭނެ ގޮތަކަށް ވާހަކަދައްކާ މީހުން ގިނަވި ވާހަކައެވެ.
މިއީ ވަރަށް ބިރުހުރި ކަމެކެވެ. އެހެންވެ މިގެނެސްދެނީ ވިސްނައިލުން މުހިންމު ބައެއް ކަންކަމެވެ.
ﷲ ތަޢާލާ ޤިޔާމަތް ދުވަހުން އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާނެ ބައަކީ ދެމޫނުގެވެރިންނެވެ.
އެއީ އެކެއްގެ ގާތުގައި އެއްގޮތަކަށް އަނެކެއްގެ ގާތުގައި އަނެއް ގޮތަކަށް މޫނު ދައްކާ މީހުންނެވެ. އެކެއްގެ ގާތުގައި އެއްގޮތަކަށް ވާހަކަދައްކާފައި އަނެކާގެ ގާތަށް ގޮސް ހަމައެކަމުގައި އެހެން ގޮތަކަށް ވާހަކަދައްކާ މީހުންނެވެ.
އެހެން ޙަދީޘްފުޅެއްގައިވަނީ ޤިޔާމަތް ދުވަހު އެންމެ ނުބައިކަން ބޮޑު މީހާއަކީ އޭނާގެ އަނބިމީހާގެ (ބައިވެރިޔާގެ) ސިއްރުތައް މީސްތަކުންނަށް ހާމަކުރާ މީހާއެވެ.
އަދި މީސްތަކުން ކުރާ ނުބައި ޢަމަލުތައް ހުއްޓުވައި އިޞްލާޙްކުރަން މަސައްކަތް ނުކުރާ މީހުންވެސް ވަނީ އެންމެ ނުބައިކަންބޮޑު މީހުންގެ ތެރެއިންނެވެ.
އެންމެ ނުބައި މީހުންނާއި ބެހޭ ގޮތުން އެނގިގެން މިދިއައީ އެންމެ ނުބައިކަން ބޮޑު މީހުންނަކީ އެމީހުންގެ ދުލުގެ ބޭނުން ނުބައި ގޮތުގައި ބޭނުންކުރާ މީހުން ކަމެވެ. އެއީ އެމީހުންގެ ދުލުގެ ނުބައިކަމުން މީސްތަކުންނަށް މިދުނިޔޭގައި ލިބުނު ގެއްލުން ބޮޑުކަމުންނެވެ.
ޢމާރު ބިން ޔާސިރު (ރޢ) ވިދާޅުވެފައިވެއެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވި އަޑު އެހީމެވެ. "މިދުނިޔޭގައި ދެމޫނުގެވެރިންނަށް ޤިޔާމަތް ދުވަހު އަލިފާނުގެ 2 ދޫ ދެއްވަވާނެތެވެ."
ދެމީނުގެވެރިންނަކީ މުނާފިޤުންނެވެ. މިދެއްކުނީ މުނާފިޤުންގެ ސިފަތަކުގެ ވާހަކައެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން
https://www.youtube.com/watch?v=AFHQt3-Bovc