އަޅުގަނޑަކީ އެކަނިވެރިމައަކީމެވެ. ބައްޕައެއްގެ އެހީތެރިކަމާއި ނުލައި 2 ކުދިން ބަލަމެވެ. މުސްކުޅި މަންމަ ބަލަމެވެ. ވަޒީފާއަދާކުރުމުން ރަނގަޅު މުސާރައެއް ލިބެއެވެ. އެކަމަކު ކުލިދައްކަންޖެހޭތީ ފދިރިއުޅެމުން އައީ ވަރަށް ދަތިޙާލުގައެވެ.
އެއީ ދެކޮޓަރީގެ ތަނެކެވެ. އެއްކޮޓަރީގައި މަންމައެވެ. އަނެއް ކޮޓަރީގައި އަޅުގަނޑާއި ދެކުދިންނެވެ. މަންމަ ގަދަވެ ހުރިއްޔާ އެއްކުއްޖަކު މަންމަގެ ކޮޓަރީގައި ނިންދަވައެވެ. އެއީ މަންމަގެ އަމިއްލަ އިޚްތިޔާރުގައި މަންމަ ކުރާ ކަމެކެވެ. އަޅުގަނޑު އެދިގެނެއް ނޫނެވެ. އަޅުގަނޑު މަސައްކަތްކުރަނީ މަންމަ އުފާކޮށްދެވޭތޯއެވެ. އެހެންވެ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް މަންމައަށް އެހީތެރިވަމެވެ.
އެއީ މަންމަ ހޮސްޕިޓަލުގައި ބާއްވައިގެން އުޅުނު ދުވަސްކޮޅެކެވެ. ހޮސްޕިޓަލުތެރެއިން ބައްދަލުވާ އަންހެނަކާއި ގުޅުން އުފެދުނެވެ. އޭނާގެ މާބޮޑު ޙަޤީޤަތެއް ނުއެނގެއެވެ. ފެންނަ ފެނުމުގައި ހުންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. އެހެންކަމުން ހީކުރީ ހަމަ އަޅުގަނޑު ފަދަ ނިކަމެތި އަންހެނަކު ކަމަށެވެ.
އަޅުގަނޑު އެކަނި މަންމަ ބަލަހައްޓާއިރުވެސް އަޅުގަނޑު ކަންކަންކުރާ ގޮތް ކަމުގޮސްގެން އަޅުގަނޑުގެ ދިރިއުޅުމާއިބެހޭ ގޮތުން ވަރަށް ގިނަ ސުވާލުތައް ކުރެއެވެ. އެއްވެސް ފޮރުވުމެއް ނެތި ތެދަށް ކިޔައިދެމެވެ.
އެއްރޭ މަންމައަށް ކާއެއްޗެތި ބަލައިދާން ނުކުތްތަނުން އޭނާއާއި ބައްދަލުވެ އަޅުގަނޑު ދިރިއުޅޭތަނަށް ގޮސްލަން ބޭނުންވާ ކަމަށް ބުނުމުން ގެންދިއައިމެވެ. ގެއަށްވަދެ ކާއެއްޗެތި ތައްޔާރުކޮށްލައިގެން އެނބުރި ދިއައީވެސް ދެމީހުން އެކުގައެވެ.
އަނެއް ދުވަހު އަޅުގަނޑުގެ އަތަށް ފައިސާކޮޅެއް ދިނެވެ. ބުނީ މިއީ ނިޔާވެފައިވާ އޭނާގެ މަންމައަށް ޘަވާބު އެދިގެން ކުރި ޞަދަޤާތެއް ކަމަށެވެ. އެއިރު އަތުގައި އެއްވެސް ފައިސާއެއް ނެތުމުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރީމެވެ.
މަނަމަ ގެއަށް ގެނެވުނުތާ 2 ވަނަ ދުވަހު ގުޅާފައި ބުނީ އެންމެން އެގެއަށް ރޭގަނޑުގެ ކެއުމަކަށް ގޮސްދިނުމަށެވެ. ދަޢުވަތު ޤަބޫލުކޮށް ދިއައިރު އެއީ ތަނަވަސް ޢާއިލާއެކެވެ. ކައިނިމިގެން ތިބެފައި ބުންޏެވެ. މިހުރީ އަހުރެންގެ ދޮށީ ދަރިފުޅެކެވެ. އަމިއްލަ ވިޔަފާރިކުރެއެވެ. އަޚްލާޤަށް ގަރަންޓީދޭނަމެވެ. ބޭނުންނަމަ ކައިވެނިކުރާށެވެ. އަހުރެން ބުނާ އެއްވެސް ކަމަކަށް ދަރިފުޅު ދެކޮޅެއް ނުހަދާނެއެވެ.
އޭނާގެވެސް 2 ކުދިން އެބަތިއްބެވެ. ކުދިން ގެންގުޅެނީ ކުދިންގެ މަންމައެވެ. ހުރިހާ ކަންކަން ކޮށްދެނީ ދަރިފުޅެވެ. މިގޭގައި ދަރިފުޅުގެ ފްލެޓް ހުރީ ހުސްކޮށެވެ. އެއީ 4 ކޮޓަރީގެ ތަނެކެވެ. އެންމެންނަށް އެކުގައި އުޅެވޭނެއެވެ.
އަޅުގަނޑު އެހައި ބޮޑަކަށް ނުވިސްނަމެވެ. ބުނީ ދަރިފުޅު ބޭނުންނަމަ ރަންކިޔުއްވަން ފޮނުވުމަށެވެ. އެއީ އެމީހުންގެ ތަނަވަސްކަމަށް ބަލައިގެނެއް ނޫނެވެ. އަދި އެޒުވާނާގެ ސިފައަށް ބަލައިގެނެއްވެސް ނޫނެވެ. އެކަންކަމަށް ބަލައިގެން ކުރި ކައިވެނިވެސް ރޫޅި ނިކަމެތިވާންޖެހިފައި އޮތަތީއެވެ. ހަމައެކަނި ހިތްވަރުހޯދީ މަންމަގެ ބަސް ޤަބޫލުކުރާ ދަރިއެއް ކަމަށް ބުނުމުންނެވެ.
ކޮންމެއަކަސް އެކައިވެނިމަތީގައި 17 އަހަރުވީއެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. މިވާހަކަކޮޅު ޙިއްޞާކޮށްލަން ބޭނުންވީ މައިމީހާއަށް ހެޔޮކޮށް ހިތީމާ ރަނގަޅު ގޮތް މެދުވެރިވާކަން ބުނެލުމަށެވެ. އަޅުގަނޑުގެ މަންމަ އައީ އަޅުގަނޑަށްޓަކައި ހެޔޮދުޢާކުރަމުންނެވެ. އުފާވެރިކަން ލިބުނު ސަބަބަކީ މަންމަގެ ދުޢާކަމަށް ޤަބޫލުކުރަމެވެ.
- ސާހީ / މިއަދުނޫހުގެ ކިޔުންތެރިއެއް