ސަރުކާރުން ސިޔާސަތުތައް ތަންފީޒުކުރަނީ އެއްވެސް ބަޔަކަށް އަޅުދާސްތުވާން ނުޖެހޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، އެމަނިކުފާނު ރިޔާސަތާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތްގޮތް ފާހަގަކުރައްވައި، އިތުރު ދަރަނި ނުނަގައި، ފައިސާ ޗާޕުނުކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ ދެމެހެއްޓެނިވި ސިޔާސަތެއް ތަންފީޒުކުރަމުންދާކަމަށް ވިދާޅުވިއެވެ.
"އެއްވެސް ބަޔަކަށް އަޅުގަނޑުމެން އަޅުދާސްތުވާން ނުޖެހި، ދިވެހިރާއްޖޭގެ ފަޚުރުވެރިކަން މިނިވަން މުސްތަޤިއްލު ގައުމެއްގެ ގޮތުގައި ދަމަހައްޓައި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އަބަދުމެ ޔަޤީންކަމާއެކު އިހްސާސްވާ، ފަހުރުވެރި ދިވެހި ގައުމެއްގެ ގޮތުގައި ކުރިއަށްގެންގޮސް، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ފަރުދީގޮތުންނާއި، މުޖުތަމައެއް ގޮތުގައި އަދި ގައުމެއް ގޮތުގައި މުއްސަނދިކަމާއި ތަރައްގީ ގެނެސްދިނުމުގެ ސިޔާސަތެއް އަޅުގަނޑުމެން މި ގެންގުޅެނީ،" ރައީސް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ކުރީގެ ސަރުކާރުތަކުން މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާކަން ފާހަގަކުރައްވައި، އެކަމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. މިގޮތުން ވޭޕް ބޭނުންކުރުން މަނާކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން މުޖުތަމަޢު ދުރުކުރުމަށް އެކި ފިޔަވަޅުތައް އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
2040ގެ އަމާޒަށް ވާޞިލުވުމަށް ޤައުމުގައި ހަމަޖެހުން އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކާ ދޭތެރޭ ފިޔަވަޅެއް އަޅުއްވާފައި ނުވާކަމަށާއި، ވިހަ ސިޔާސީ އޮއިވަރެއްގައި ޤައުމު ޖެއްސުމުގެ އާދަ، މި ސަރުކާރުން ނައްތާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.