މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި މިލަދުންމަޑުލު ދެކުނުބުރިއަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފޮއްދޫ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެކި ބާވަތުގެ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތަކާއެކު ތަރައްޤީކުރާ މި ފިޓްނެސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައެވެ.
ރައީސް މުޢިއްޒު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ގިނަ ރަށްތަކެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތް ފެށިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމެވެ.