އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އާއި ގުޅޭ ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއަދު ފެށި މި ޓްރޭނިންގ ޕްރޮގްރާމް 03 ދުވަހަށް ކުރިއަށް ދާނެއެވެ.
މި ހެލްތު ކިއުބުގެ ޓްރޭނިންގ ދިނުމަށްޓަކައި އިންޑިޔާގެ ޑޮކްޓަރުންނާއި ޕެރަމެޑިކް އޮފިސަރުންގެ ޓީމެއް 22 ޖުލައި 2025ގައި ރާއްޖެ ވަނީ ވަޑައިގެންފައެވެ.
ރާއްޖޭގެ ފަރާތުން މި ޓްރޭނިންގ ގައި ބައިވެރިވަނީ 20 ބޭފުޅުންނެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި، އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުންނާއި، ބަޔޯމެޑިކަލް ބޭފުޅުންނާއި އަދި ނަރުހުން ހިމެނެއެވެ.
އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އަކީ ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީކުރި މީގެ ފުރަތަމަ ކިއުބެވެ.
މި ހެލްތް ކިއުބްގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރ، ޕަވަރ ޖަނަރޭޓަރ، ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނާއި، އެކްސްރޭ މެޝިންފަދަ އާލާތްތައް ހިމެނެއެވެ. ބޮޑެތި ހާދިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ހިދުމަތް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި މެޑިކަލް ކިއުބަކީ މެދު ނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ޕޯޓަބަލް ކިއުބެކެވެ.
މި ކިއުބްގެ ސެޓްއަޕް ރާވާލުމަށާއި، ފަރުވާގެ ކަންކަން ފެށުމަށް ނަގާނީ އެންމެ 12 މިނެޓެވެ.
މި ކިއުބްގައި އެކި ހާލަތްތަކުގައި ބޭނުންކުރާނެ ކިޓްތަކާއި ބޭހުގެ އިތުރުން ހާލަތައް ރިއާޔަތްކޮށް ހަދަންޖެހޭ ސެޓްއަޕް ހެދުމަށް ބޭނުންވާ ސާމާނު ހިމެނެއެވެ. އަދި މި ކިއުބް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ "ބީޝްމް އެޕް" މެދުވެރިކޮށް މިނީ ކިއުބްތަކުގެ މައުލޫމާތު ލިބި، އޭގައި ހިމެނޭ ސާމާނު ޓްރެކް ކުރެވޭނެއެވެ.
އިންޑިއާއިން ހަދިޔާކުރާ މި ދެ ޕޯޓަބަލް ކިއުބް ހިންގުމުގައި ހަރަކާތްތެރިވާނި ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސަރވިސްގެ ފަރާތުންނެވެ.
ހަބަރު: ސަރުކާރު