މުރަކަ އާލާކުރުމުގެ ހަރަކާތެއް އެޗްޑީސީން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
މުރަކަ އާލާކުރުމުގެ ހަރަކާތެއް އެޗްޑީސީން ފަށައިފި

ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ. މި ހަރަކާތަކީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ހުޅުމާލޭގެ އިރުމަތީ ފަރުން ނެގި ވަކި ބާވަތެއްގެ މުރަކަ ވަނީ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި އިންދާފައެވެ. އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ "މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުމެވެ."

މި ހަރަކާތަކީ އެޗްޑީސީގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެއްކަން ފާހަގަކޮށްފައިވެއެވެ. މުރަކަ އިންދުމުގެ މި ހަރަކާތުގައި އެޗްޑީސީ، އީޕީއޭ އަދި މޯލްޑިވްސް މެރިން އިންސްޓިޓިއުޓްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގެ ކަނޑުއަޑީގެ ދިރުން އިތުރުވެ، އެ ސަރަހައްދުގެ ތިމާވެށި އިތުރަށް މުއްސަނދިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން