މަގުތަކުން ބުޅާ މަދުކުރަން ސައްލާ ކުރަންތިއްބާ އަނެއްކާވެސް ބުޅާތަކަށް އަނިޔާކުރާ މައްސަލައިގަ މިނިސްޓްރީން ކަންބޮޑުވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 22ސ
މަގުތަކުން ބުޅާ މަދުކުރަން ސައްލާ ކުރަންތިއްބާ އަނެއްކާވެސް ބުޅާތަކަށް އަނިޔާކުރާ މައްސަލައިގަ މިނިސްޓްރީން ކަންބޮޑުވެއްޖެ!

މާލޭގެ މަގުތަކާއި ޙާމަތަންތަނުން ބުޅާ މަދުކުރުމަކީ ޖަލްސާ ބާއްވައި ސަލާކޮށް އަދި ދިރާސާކޮށްގެން ކުރެވޭނެ ކަމެއް ނަމަ މިހާރު މާލެސިޓީން އެންމެ ބުޅަލެއްވެސް ނުފެންނާނެތާއެވެ! ކޮންމެއަކަސް މަގުތަކުން ބުޅާ މަދުނުވިނަމަވެސް ރައްޔިތުންގެ ފައިށާއިން މިލިއަނުން ދަނީ ޚަރަދުކުރެވެމުންނެވެ. ސައްލާތައް ދަނީ ކުރެވެމުންނެވެ.  

ބުޅާ މަރުކަޒަށް ބުޅާތައް ގެންގޮސް ނިމި އެކަމުގެ ލުއި ރައްޔިތުންނަށް ލިބެންފަށާނެ ތާރީޚަކާއި ބެހޭގޮތުން މިއަދުނޫހުން ކުރި ސުވާލަށް ދެއްވި ޖަވާބު ކުރިން ވާނީ ހާމަކުރެވިފައެވެ. އެޖަވާބުން އެނގެނީ އެފަދަ ތާރީޚެއް ހޯދަން ބޭނުންވާނަމަ ސުވާލުކުރަންޖެހޭނީ ޤާނޫނުގެ ދަށުން ކަމަށް ދޭހަވާ ގޮތަކަށެވެ. އެކަން މިއަދުނޫހަށް އަދި ވަނީ ނުކުރެވިއެވެ. 

ކަންބޮޑުވާންޖެހޭ ކަމަކީ ކަންކަން ޙާޞިލުކުރަން ބޮޑެތި ޚަރަފުތައްކުރާއިރު އެކަމެއް ޙާޞިލުކުރެވޭނެ ތާޜީޚެއްވެސް ރައްޔިތުންނަށް ނުލިބޭކަމެވެ. 

ވުޒާރާގެ ބަޔާން: (މިބަޔާނުގައިވެސް ބުޅާތައް މަރުކަޒަށް ގެންދެވޭނެ ތާރީޚް ހާމަކުރައްވާފައެއް ނެތެވެ.) 

މިހާރަކަށް އައިސް މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް މި މިނިސްޓްރީއަށް ލިބެމުންދެއެވެ. މިއީ، ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލަކަށްވާތީ، މިކަން ނުކުރުމަށް މި މިނިސްޓްރީން އިލްތިމާސްކުރަމެވެ.

ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަފްހޫމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ، ޖަނަވާރަށް ލިބިގެންވާ ފަސް މިނިވަންކަމެވެ.

1- ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.

2- ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.

3- ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.

4- ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން.

5- އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.

ދިވެހިރާއްޖޭން ބައިވެރިވެފައިވާ، ދުނިޔޭގެ ޖަނަވާރުގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. މިގޮތުން، ދަނޑުވެރިކަމަށާއި، މުނިފޫހިފިލުވަމަށާއި، ޢިލްމީ ދިރާސާކުރުމަށާއި، މިނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި ޖަނަވާރުގެ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހެއެވެ.

އޮޅުކޮށް އެކުގައި ގެންގުޅޭ ޖަނަވާރަކީ، ވަކި ބާވަތެއްގެ ކާނާ ކާންދީގެން، އާދަވެގެން ޖަނަވާރު އުޅުމުގެ ސުލޫކު ވަކިގޮތަކަށް ބައްޓަންކޮށްގެން އަޅައިލުމާއި، ލޯބިދީގެން ހޭހަންކޮށްގެން ގެންގުޅޭ އެއްޗަކަށްވާތީ މަގުމައްޗަށް ދޫކޮށްލުމުން އެސޮރުމުންނަށް ލިބެމުން ދިޔަ އަޅައިލުމާއި، ލޯބިން މަޙުރޫމުވެއެވެ. މީގެނަތީޖާއަކަށްވަނީ ކަންބޮޑުވުމާއި، ހިތްދަތިކަން އިޙުސާސްކުރަންޖެހުމުގެ އިތުރުން އާދަވެގެން ކަމުންދިޔަ ކާނާ ނުލިބުމާއި، އުޅެމުންދިޔަ އަމާން، އަރާމު ވެށި ގެއްލުމުގެ ސަބަބުން އިންސާނުންނާ ދޯޅުވެ، ގާތުގައި އުޅުމެވެ. މިފަދަ ޖަނަވާރަކީ އިންސާނުންނާއެކު އެމީހުންގެ ވެށީގައި ދިރިއުޅޭ، ބުއްދިއެއްނުވާ އެއްޗަކަށްވާތީ ވަރަށް ގިނަ ފަހަރަށް އެސޮރުމެންގެ ކިބައިން އިންސާނުންނަށް އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ޙާލަތްތަކުގައި އެސޮރުމެންނަށް ހާނީއްކަކުރުމަކީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު ކޮށްގެންވާނޭ ކަމެއްނޫނެވެ.

ޖަނަވާރަށް ރަޙުމުކޮށް، އޯގާތެރިކަމާއި، އަޅާލުމާއި، އިންސާނިއްޔާތުކަމާއެކީ ޢަމަލުކުރުމަށް އިސްލާމްދީންވެސް ބާރުއަޅައެވެ. މިގޮތުން އިސްލާމްދީނުގައިވަނީ ޖަނަވާރަށް ޙައްޤުތަކެއް ކަށަވަރުކޮށްދީފައެވެ. އޯގާތެރިވުމުގެ ޙައްޤާއި، ރަޙުމުކުރުމުގެ ޙައްޤާއި، ދިރިއޮތުމުގެ ޙައްޤު ހިމެނެއެވެ. މިޙައްޤުތަކަކީ އިންސާނުންނަށްވެސް ލިބިދީފައި ޙައްޤުތަކެކެވެ.

ދުނިޔެއަކީ އިންސާނުންނާއި، ޖަނަވާރުންވެސް އުޅެން އޮތް ތަނަކަށްވާއިރު ހުރިހާ ޖަނަވާރަކަށްވެސް ރައްކާތެރި، ރަނގަޅު ތަނަކަށް ހެދުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބާރުއަޅައެވެ.

މިގޮތުން، މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށްޓަކައި މި މިނިސްޓްރީން ހުޅުމާލޭ ފޭސް 2 ގައި ޤާއިމުކޮށްފައިވާ އޮޅުހިޔާއަށް އިތުރަށް ބުޅާ ވެއްދުމުގެ މަސައްކަތް މިހާރު މިގެންދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިންކް: 

https://sarukaaru.gov.mv/articles/12143

 

 

މިއަދު އޮންލައިން