ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ނ. މަގޫދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ކަމެކެވެ.
ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
350 މީހުންގެ އާބާދީއެއް އޮންނަ މަގޫދޫގެ ބަނދަރު އެންމެ ފުރަތަމަ ތަރައްޤީކުރެވުނީ 2017 ވަނަ އަހަރުއެވެ. އެއަށްފަހު މިފަހަރު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތަށް 46 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މަގޫދޫގައި އަލަށް ޤާއިމްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަނަލް ސެންޓަރުގެ ބިންގާ ވެސް ވަނީ އަޅުއްވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި މަޝްރޫޢުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައެވެ.