ނ. ވެލިދޫގައި އަލަށް ތަރައްޤީކުރާ ހޮސްޕިޓަލްގެ ބިންގާ މިއަދު އަޅައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ވެލިދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއާއި، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އަދި ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިންއެވެ. މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
މި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢަކީ، އާބާދީ ބޮޑެތި ރަށްތަކުގައި ސިއްޙީ ޚިދުމަތް ހޮސްޕިޓަލް ފެންވަރަށް ގެނައުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އާރްޑީސީއާއެކު ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު 29 ވަނަ ދުވަހުއެވެ.
108 މިލިއަން ރުފިޔާގެ އަގުގައި ހަވާލުކޮށްފައިވާ މި މަޝްރޫޢު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި ހޮސްޕިޓަލް ނިމުމުން ވެލިދޫ އަދި އެ ސަރަޙައްދުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.