ނ. ވެލިދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ. މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ވެލިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އަދި ވެލިދޫ ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ފުލުހުންގެ މަރުކަޒެއް ވެލިދޫގައި ޤާއިމްކުރުމަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ. މި މަރުކަޒު ޤާއިމްކުރެވުމުން ރަށުގެ މުޖުތަމަޢުގެ ރައްކާތެރިކަމާއި ސަލާމަތަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތަށްފަހު ވަޒީރު އަލީ އިހުސާން ވަނީ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވާފައެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނީ އާރްޑީސީގެ ބެލުމުގެ ދަށުންނެވެ.
ފުލުހުންގެ މަރުކަޒު ޤާއިމްކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ.