2.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެލިދޫގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
2.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެލިދޫގައި ފަށައިފި

ނ. ވެލިދުއިން 2.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ. މި މަސައްކަތް އެރަށުގައި ފެށުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ބިން ހިއްކުމުގެ މަސައްކަތް ޢަމަލީގޮތުން އިފްތިތާޙުކޮށްދެއްވާފައިވަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި މުހިންމު މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ އިސް ވަފުދުގެ އިތުރުން ރަށު ކައުންސިލާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ވެލިދުއިން ހިއްކާ މި ސަރަޙައްދަކީ އެރަށުގެ އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ސަރަޙައްދު ހިއްކުމުގެ މައިގަނޑު މަޤްޞަދަކީ އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ބިން ހޯދުމެވެ.

މި މަޝްރޫޢުގެ ދަށުން ހިއްކޭ ބިމުގައި އޮޑިދޯނިފަހަރު ބޭލުމާއި އެހެލުމުގެ އިތުރުން ފައިބަރު މަސައްކަތްތައް ކުރެވޭނެ ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ. ފައިބަރު މަސައްކަތަކީ ރާއްޖޭގެ މަދު ރަށްތަކެއްގައި ވިޔަފާރީގެ ގޮތުން ކުރަމުން އަންނަ މަސައްކަތަކަށް ވުމާއެކު، މި ސަރަޙައްދު ތަރައްޤީވުމުން ވެލިދޫގެ އިޤްތިޞާދަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢު ނިމުމުން ވެލިދޫގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވި، ރަށުގެ އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެ ކަމަށް ރަށު ކައުންސިލުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން