ސީޕްލޭން ޕްލެޓު ފޯމެއް ވެލިދޫގައި ޤާއިމްކޮށް ސީޕްލޭން އޮޕަރޭޓުކުރެވޭނެގޮތް ހަމަޖައްސައިދޭނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސީޕްލޭން ޕްލެޓު ފޯމެއް ވެލިދޫގައި ޤާއިމްކޮށް ސީޕްލޭން އޮޕަރޭޓުކުރެވޭނެގޮތް ހަމަޖައްސައިދޭނަން: ރައީސް

ނ. ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް، ދާއިމީކޮށް ސީޕްލޭން އޮޕަރޭޓުކުރެވޭނެގޮތް ހަމަޖައްސައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

ވެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ، އަންނަ އަހަރު ސީ އެމްބިއުލާންސްގެ ޚިދުމަތްވެސް އެރަށުގައި ފެށޭނެ ކަމަށެވެ. މީގެއިތުރުން، އެރަށުގައި މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢުގެ ތާރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވާ ބަނދަރުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރަށުގެ 600 އެއްހާ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއް އެމައްސަލައާ ގުޅޭގޮތުން ލިބިވަޑައިގެންފައިވާ ކަމަށެވެ. "އެޕެޓިޝަން އަޅުގަނޑު ބަލާނަން. ކަމާބެހޭ ވުޒާރާއާއި ހަވާލުކުރާނަން. ފަންނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްފަހު ރައްޔިތުން ހުށައެޅި ކަމަކަށްވާތީ ސީރިއަސްކޮށް ބަލައި، އެ ބަނދަރުގެ އުފާވެރިކަމާއި ލުއިކަން ގެނެސްދިނުމަށް ގެނަންޖެހޭ ބަދަލުތައް ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.

ބަނދަރުގެ މައްސަލަތައް ހައްލުކުރުމަށް މިއަހަރުގެ ބަޖެޓުން ކުރިއަށް ގެންދިއުމަށް ދަތިވާނަމަ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެންމެ ލަސްވެގެން ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.

މިއަދު އޮންލައިން