ޤައުމީ ލޯބީގެ ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް އޮތް އެއްޗެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.
ތަރައްޤީ އަށް ކުރާ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމުގައި ރައްޔިތުން އިންތިޚާބުކޮށްފައި ތިއްބަވާ ބޭފުޅުންގެ އެއްބާރުލުން މުހިންމުކަން ހާމަކުރައްވަމުން، އެމަނިކުފާނު ވަނީ، އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ނިސްބަތްވެވެޑައިގަންނަވާ ސިޔާސީ ޕާޓީއަކީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އޮތް ހުރަހަކަށް ވެގެން ނުވާނޭ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުމާއެކު އެފަދަ މަސައްކަތްތައް މާ ފުރިހަމައަށް ކުރިއަށްގެންދެވޭނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ޚިޔާލުތަފާތުވިޔަސް، އެއްބާރުލުން ދެއްވުމަށް، އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް، އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޒާތީ، އަމިއްލަ ކަންކަމަށްވުރެ ޤައުމު އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭކަން ހަނދުމަފުޅުކޮށްދެއްވަމުން، އަޅުގަނޑުމެންގެ ދަރީންނަށް ދިވެހި ޤައުމު ރައްކާތެރިކަމާއެކު ފޯރުކޮށްދެވެން އޮތީ، އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް، ޤައުމީ ލޯތްބާއި އިހުސާސް އަށަގެންނެވުނު މިންވަރަކުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ޤައުމިއްޔަތު އިސްކޮށްގެން މެނުވީ ޙަޤީޤީ ތަރައްޤީ ނާންނާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ސިޔާސީ އޮއިވަރަކީ ޤައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން. ދިވެހިން އިސްކުރަންވީ ދިވެހިވަންތަކަން، އިސްލާމް ދީން، ދިވެހި ބަސް، އަމިއްލަވަންތަކަމާ ޤައުމިއްޔަތު. އެކަން އިސްކޮށްގެން ނޫނީ، ކިތައްމެ މަގެއް، ބަނދަރެއް، ހޮސްޕިޓަލެއް އެޅިޔަސް، މި ބޭނުންވާ ބަދަލު ނުފެންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ، ކިތަންމެ ކުޑަ އާބާދީއަކަށްނަމަވެސް، އެއްވެސް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ޚިދުމަތްކުރާނެ ވެރިއެއްކަމަށެވެ.