މަންމަ ދެކެ ޙަޤީޤީ ލޯބިވާނަމަ އެދަރިއެއްގެ ފަހަތުން އުފާވެރިކަން ދުވަމުން އައިސް އަރާހަމަކުރާނެކަން އެނގިގެންދާ ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 30ސ
މަންމަ ދެކެ ޙަޤީޤީ ލޯބިވާނަމަ އެދަރިއެއްގެ ފަހަތުން އުފާވެރިކަން ދުވަމުން އައިސް އަރާހަމަކުރާނެކަން އެނގިގެންދާ ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކަ-

އަޅުގަނޑަގީ 2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ދިރިއުޅޭ ޒުވާނަކީމެވެ. އަދި ކައިވެންޏެއް ނުކުރަމެވެ. އެކަމަކުވެސް 2 ކޮޓަރީގެ ތަނެއް ހިފާފައި ބަހައްޓާ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑަށް ކައިވެނިކުރެވޭ ފަހުން މަންމަމެން އަތުވެއްޖެނަމަ އެމީހުން ބައިތިއްބާނެ ކޮޓަރިއެއް ނުހުންނާނެތީއެވެ. އެމީހުން ސިޓިންރޫމްގައި ނިންދަވާފައި އަޅުގަނޑަށް ކޮޓަރީގައި ނުނިދޭނެތީއެވެ. 

ކޮންމެއަކަސް ލިބޭ މުސާރައިން ބޮޑު ބައެއް ކުލިދައްކަން ހޭދަކުރަންޖެހުނަސް އަޅުގަނޑު ދެކެމުން އައީ އެއީ އަޅުގަނޑު އުފުލަންޖެހޭނެ ބުރައެއް ކަމަށެވެ. އެއިރު އަޅުގަނޑުގެ ލޯބިވެރިއަކުވެސް ނުހުރެއެވެ. ލޯބިވެރިއަކަށްވުރެވެސް ކުރިން މިހޯދުނީ ކޮޓަރިއެކެވެ. އެކަމަކު އެކަން ބޭއްވީ ސިއްރުކޮށްފައެވެ. އެހެންވެ އޮފީސްކުދިންގެ ގާތަކުވެސް ނުބުނަމެވެ. 

މަސައްކަތުން ނިމިގެން ހުންނައިރު އަދި އެއީ ބަންދުދުވަހެއް ނަމަ އަޅުގަނޑުގެ ޢަމަލުތަކާއި ބަސްމަގު ވަރަށް ތަފާތުވާނެއެވެ. ގިނައިން އުޅެނީވެސް ހިނގާފައެވެ. އެއީ ބައްދަލުވާ މީހުންނާއި ބައްދަލުކޮށް ވާހަކަ ދައްކާލައި އުޅެން ފަސޭހައަކަށެވެ. 

ހުކުރު ދުވަހެއްގެ ހަވީރެވެ. ސޯސަންގޭގައި ހަދާފައިވާ ޕާކާއި ހަމައަށް ދެވުނުތަނާ ވަރަށް ފާޑަކަށް ބަލަހައްޓައިގެން އިން އަންހެނަކު ފެނުނެވެ. ފެންނަ ފެނުމުގައި އެއީ ވަރަށް ބަލިކަށި އަންހެނެކެވެ. އެހެންވެ ގާތަށް ގޮސް ސަލާމް ގޮވާފައި ޙާލު އަހްވާލް އަހައިލީމެވެ. 

އޭނާ ބުނީ އޭނާއަކީ އަޅައިލާނެ މީހަކު ނެތް އެކަނިވެރިއަކު ކަމަށާއި އަދި ކެންސަރަށް ފަރުވާކުރަމުން އަންނަ އަންހެނެއް ކަމަށެވެ. މަސައްކަތް ނުކުރެވޭތީ ގޭގޭގައި ބަހައްޓައިވެސް ނުދެނީކަމަށެވެ. 

އޭނާގެ ދަރިންގެ ވާހަކަ ސުވާލުކުރުމުން ފެށީ ރޯށެވެ. އެހެންވެ އެކަމެއްވެސް ކުރިއަކަށް ނުގެންދެވުނެވެ. އަޅުގަނޑުގެ ހިތް ބުނީ އޭނާ ދޫކޮށްލާފައި ނުދިއުމަށެވެ. އެހީތެރިވުމަށެވެ. އެހެންވެ އަޅުގަނޑުގެ އެޕާޓްމަންޓަށް ގެންގޮސް ހުހަށް ހުރި ކޮޓަރީގައި ހުންނަން ބުނީމެވެ. ކާންދީ އަދި އެހެންވެސް ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރީމެވެ. 

ޖެހިގެން އައި ހުކުރު ދުވަސް އައިއިރުވެސް އެއަންހެން މީހާގެ މޫނުގެ ސިފަ ފެންނަގޮތެއް ނުވެއެވެ. މާސްކެއް އަޅައިގެން ހުންނާތީއެވެ. މޫނު ދައްކާކަށްވެސް ނުބުނަމެވެ. ސަބަބަކީ އޭނާގެ މޫނުގެ ސިފައަކީ އޭނާއަށް އަޅުގަނޑު އެހީތެރިކަން ފޯރުކޮށްދިނުމާއި އެއްވެސް ގުޅުމެއް ހުރި ކަމަކަށް ނުވާތީއެވެ. 

އެރޭ ސިޓިންގ ރޫމްގައި ދަރުސެއް ބަލަން ތިބެފައި އޭނާ ބުންޏެވެ. ކުޑައިރުކޮޅަކަށް ބޭރަށް ނުކުމެލަން އެބަ ޖެހެއެވެ. ރައްޓެއްސަކާއި ބައްދަލުކޮށްލާފައި އެބަ އަންނަމެވެ. އެހެން ބުނެފައި ބަލިކަށި ގޮތަކަށް ހިނގަމުން ނުކުމެގެން ހިނގައްޖެއެވެ. ލަސްނުވެ ގެއަށް އަންނަން ބުނުން ފިޔަވައި އަޅުގަނޑުވެސް އިތުރު އެއްޗެއް ނުބުނަމެވެ. 

އެއިގެ ބައިގަޑިއެއްހާއިރުފަހުން މީހަކު އައިސް ދޮރުގެ ބެލް ޖެހުމުން ހުޅުވިއިރު ހުރީ ވަރަށް ރީތި އަންހެންކުއްޖެކެވެ. ރީތިކަމުގެ ވާހަކަނުވެސްދެއްކޭނެއެވެ. ހަމަ އެހައިވެސް ރީތީއެވެ. ކޮންމެއަކަސް މިއައީ ވާހަކައެއް ދައްކާލަން ބޭނުންވެގެން ކަމަށް ބުނުމުން ގެއަށް ވެއްދީމެވެ. 

ދެމީހުންނަށް ވާހަކަ ނުވެސް ފެށިގެން އުޅެނިކޮށް ގޭގައި ބަހައްޓައިގެން އުޅޭ އަންހެން މީހާ އަތުވެއްޖެއެވެ. އައުމުން ވަރަށް އިޙްތިރާމްކޮށްފައި ގެނެސް ގާތުގައި ބައިންދައި އެއީ ކާކުކަން އެއަންހެންކުއްޖާއަށް ތަޢާރްފްކޮށްދިނުމުން އެކުއްޖާ ބުންޏެވެ. 

"ބުނަން ހެއްޔެވެ؟ މިހިސާބުން މި ޑްރާމާ މި ނިމުނީއެވެ. ކުރިމަތީގަ ތިއައިނީ އަޅުގަނޑުގެ ލޯބިވާ މަންމައެވެ. 70 އަހަރުވީ އެވެ. އެކަމަކު ބަލާލަން އަދިވެސް ހަމަ ވަރަށް ޒުވާންވާނެއެވެ. އަޅުގަނޑު ކައިވެނިކުރަން ރަނގަޅު ފިރިހެނަކު ހޯދައިދެވޭތޯ އެކި ގޮތް ގޮތަށް އުކުޅުތައް ބޭނުންކުރަމުން ގޮސް މިއީވެސް ބޭނުންކުރި ހަމަ އެފަދަ އުކުޅެކެވެ. 

މަންމަ އެގޮތަށް ކަންތައް ކުރީ އަޅުގަނޑަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅުކަމަށްވުމުންނެވެ. ބައްޕަގެ މަސައްކަތުން މަންމަގެ ގޯތީގައި ވަނީ ރަނގަޅު ފެންވަރުގެ ގެއެއްވެސް އަޅައިފައެވެ. އާމްދަނީލިބޭނެކަންކަން ވެސް އެބަ ކުރެވެއެވެ. މިޒަމާނުގައި ގިނައީ ނުބައި މީހުންކަމަށްވުމުން އެފަދަ މީހަކާއި އަޅުގަނޑަށް ގުޅެވިއްޖެނަމަ ލިބޭނެ ދެރަ ވިސްނޭތީ ރަނގަޅު ފިރިއަކު ހޯދައިދޭން މަންމަ މިބާވަތުގެ ޖާދޫތައް ހަދާތާ މިހާރު 4 އަހަރުވެއްޖެއެވެ. 

ލޯބިވެގެން އުޅެން ހަދާނެ ކަމެއް ނެތެވެ. ކައިވެނީގެ ފޯމް މާދަމާ ލަމާ ހިނގާށެވެ! ފައިސާއަށް ކަންބޮޑުވާނެ ކަމެއް ނެތެވެ. އެކަންވެސް ހަމަޖައްސާނީ މަންމައެވެ. އެކަމަށް މަންމަ ފައިސާ އެއްކޮށްގެން އުޅޭތާ އެތައް އަހަރެކެވެ. 

އިމްތިޙާނުން ފާސްވެ އެކްސެލެންޓް ރިޕޯޓް ލިބުމުން ލިބުނު ފުރުޞަތުގެ ބޭނުން ވަޤުތުން ހިފީމެވެ. ކައިވެނީގާ އަދި މިވީ 2،3 އަހަރެވެ. ލޯބިލޯބި އަންހެން ދަރިއަކުވެސް ވަނީ ލިބިފައެވެ. 

ކައިވެނިގާ މާގިނަ އަހަރުތަކެއް ފާއިތު ނުވި ނަމަވެސް ބުނެލަން އޮތީ މިއީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށެވެ. އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ކޮންމެ ރެއަކުވެސް 3 ޖަހާއިރު މައިދައިތަ އައިސް ކޮޓަރީގެ ދޮރުގައި ޓަކިޖަހައި ދެމީހުން ދަމުނަމާދަށް ހޭލައްވާތީއެވެ. 

އަޅުގަނޑަކީ މާރަނގަޅަށް ކަންކަން ކުރެވުނު މީހެއް ކަމަށް ބުނަނީއެއް ނޫނެވެ. އަދި އަޅުގަނޑަށް އެދުވަހު އެގޮތަށް ކަންކަން ކުރެވުނީ މިފަދަ ނިޢްމަތެއް ލިބޭނެކަން ޚިޔާލަށް ވެސް ގެނެވިގެނެއް ނޫނެވެ. ވެވުނު ވަރަކުން އަބަދުވެސް މީހުންނަށް އެހީތެރިވަމެވެ. އަދި އެއިގެ ކުރިންވެސް ވާނީ އެފަދަ ޙާލުގައި ތިބި އެތައް މީހަކަށް އެކިވަރުން އެހީތެރިވެފައެވެ. 

އަދި އެއްވާހަކަ ބުނެލާނަމެވެ. އެއީ އަނބިމީހާގެ ގޭގައި އުޅުނަސް އެއްކޮޓަރީ އަޅުގަނޑު އަބަދުވެސް ބަހައްޓަނީ މަންމައަށް ޚާއްޞަކޮށްފައެވެ. އެހެންވެ އެތަނުގައި މީހަކު ބަހައްޓައިލިނަމަވެސް އެކަމުގެ ޘަވާބު ހަދިޔާކުރަނީ އަޅުގަނޑުގެ ދެލޯފަދަ ލޯބިވާ މަންމައަށެވެ. 

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުން މިއަދު އަޅުގަނޑަށް ލިބިފައިވާ މިބޮޑު އުފާވެރިކަން ލިބުމުގެ ޙަޤީޤީ ސަބަބަކީ އަޅުގަނޑު މަންމަ ދެކެވާ ލޯތްބާއި މަންމައަށް ޘަވާބު ހަދިޔާކުރެވޭ ކަމެވެ.

 

 

- ސައިފް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން