މާފަރު ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21 އަށް ބަދަލުކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މާފަރު ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21 އަށް ބަދަލުކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނ. މާފަރު ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21އަށް އިތުރުކުރުމަށް ސަރުކާރާއި ފެނަކަ ކޯޕަރޭޝަން ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙެވެ.

މިހާރު 3 އެނދުގެ ކެޕޭސިޓީއެއް ހުރި މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށް މި މަހުގެ 20 ވަނަ ދުވަހު ވަނީ ފެނަކައާ ހަވާލުކޮށްފައެވެ. އޭރު ހަވާލުކޮށްފައިވަނީ 4 އެނދުގެ ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތެވެ. ނަމަވެސް އެރަށުގެ ރައްޔިތުން ވަނީ ބެޑް ކެޕޭސިޓީ އިތުރަށް އިތުރުކޮށްދިނުމަށް އެދިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. މާފަރަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށުގެ ރައްޔިތުން އެދުނު ގޮތަށް މާފަރު ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ އިތުރުކޮށްދެއްވާނެކަމަށް ވަނީ އިޢުލާން ކުރައްވާފައެވެ. އަދި ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެއްވިއެވެ.

ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރޭގައި ނާސް ސްޓޭޝަނާއި މީޓިންގ ހޯލާއި ޕަބްލިކް ހެލްތު ޔުނިޓް ތަރައްޤީކުރުމުގެ އިތުރުން ޕޯޓިކޯއެއް ވެސް ޤާއިމްކުރެވޭނެއެވެ.

މި މަޝްރޫޢު ފުރިހަމަވުމުން މާފަރު ސިއްޙީ މަރުކަޒުން ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރަށުގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ސިއްޙީ ޚިދުމަތެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން