މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާދަމާއިން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދުގައި ވަކި ގަޑިތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލެ ސަރަޙައްދުގައި މިމަހުގެ 25 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅިގެން މަގުމަތީގެ ސަލާމަތަށްޓަކައި މި ނިންމުން ނިންމާފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި 25 ވަނަ ދުވަހު ބަރު އުޅަނދުތަކުގެ ތެރެއިން ކެޓަގަރީ E، D، C2، C0 އަދި V ކެޓަގަރީގައި ހިމެނޭ އުޅަނދުތައް މެންދުރުފަހު 1:00 އިން ހަވީރު 6:00 އާ ހަމައަށް ދުއްވުން މަނާކުރެވޭނެއެވެ. އަދި 26 ވަނަ ދުވަހު މާލެ ސަރަޙައްދުގައި މެންދުރުފަހު 3:00 އިން ފެށިގެން އިރުއޮއްސީ 6:30 އާ ހަމައަށް ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު ދުއްވުން މަނާކުރެވޭނެއެވެ.
މީގެއިތުރުން 27 ވަނަ ދުވަހު ހަވީރު 6:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ކެޓަގަރީ E، D، C2، C0 އަދި V ކެޓަގަރީގައި ހިމެނޭ އުޅަނދުތައް ދުއްވުން މަނާކުރެވޭނެކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވުމުގެ ހުއްދަ އޮންނާނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި އެމްބިއުލާންސްގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުންދާ ބަހުގެ ޚިދުމަތްތަކަށް އެކަނި ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.