ޤަވާއިދާ ޚިލާފަށް އުޅެމުން އައި 03 ބިދޭސީން އަނެއްކާވެސް ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 29ސ
ޤަވާއިދާ ޚިލާފަށް އުޅެމުން އައި 03 ބިދޭސީން އަނެއްކާވެސް ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން އަނެއްކާވެސް 03 ބިދޭސީން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ވަނީ ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 އަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން، މި އޮޕަރޭޝަނުގައި ޖުމްލަ 10 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 03 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ކެނޑިނޭޅި މަސައްކައް ކުރަމުން އަންނަ އިރު ދިލްބަހާރުމަގުގައި ހިމެނޭ ބިދޭސީންގެ ނުފޫޒު ބޮޑު ކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން މިމަހުގެ 10ވަނަ ދުވަހު ވަނީ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ.

އަދި މި އޮޕަރޭޝަނުން، އެ ތަންތަނުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 31 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މަސައްކަތްތެރިން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ކުރަމުން އަންނަ އިރު ޓާސްކް ފޯހުން ދާދީ ފަހުން ވަނީ ހުޅުމާލޭގައި ހުންނަ "ރަށު މާރުކޭޓު" ސަރަހައްދުގައި ރެއިޑް އޮޕަރޭޝަނެއް ހިންގައި 37 ބިދޭސީންވެސް ހައްޔަރުކޮށްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ހިންގަމުންނެވެ.

މިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން