ވިޔަފާރިތަކަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ ޢަދަދު މިހާރަށްވުރެވެސް ބޮޑުކުރަން އެމްއެމްއޭއިން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ވިޔަފާރިތަކަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ ޢަދަދު މިހާރަށްވުރެވެސް ބޮޑުކުރަން އެމްއެމްއޭއިން ނިންމައިފި

ވިޔަފާރިތަކަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. މިގޮތުން އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޔޫއެސް ޑޮލަރުގެ އިންސައްތަ 10 ޕަސެންޓް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

މި ބަދަލާ ގުޅިގެން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު 40 ޕަސެންޓަށް އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އަދި މި މި ބަދަލު ގެންނަން ނިންމާފައިވަނީ މިހަފުތާއިން ފެށިގެންނެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފުތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ އަދަދު 60 ޕަސެންޓުން 90 ޕަސެންޓަށް ވަނީ އިތުރުކޮށްފައެވެ. ނަމަވެސް ބޭންކުތަކުން އިތުރަށް މާރުކުރާ 30 ޕަސެންޓް އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު ވިއްކަމުންދާ ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.

އެމްއެމްއޭއިން ބުނާ ގޮތުގައި، މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ހަފުތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ އަދި އިންސާފުވެރި ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ފޮރިން އެކްސްޗޭންޖް ޤާނޫނަށް ގެނައި ބަދަލާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރުގެ އިންސައްތަ މިހާރު އުޅެނީ 30 ޕަސެންޓުގައި ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް މަރުކަޒީ ބޭންކުގެ އަމާޒަކީ މި އަދަދު 50 ޕަސެންޓަށް އިތުރުކުރުމެވެ.

މިއަދު އޮންލައިން