އެއީ އެކަނިވެރި މަންމައެކެވެ. ދަރިފުޅު ލިބުނީ ޢުމުރުން 20 އަހަރުގައެވެ. ދަރިފުޅަށް ދެއަހަރުގައި ފިރިމީހާ އޭނާ ދޫކޮށްލާފައި ދިއަ ގޮތަކަށް ލޮލަކަށް ނުފެނެއެވެ. އެކަމަކަށް އޭނާ ކަންބޮޑެއް ނުވެއެވެ. އޭނާ ޤަޞްދުކުރީ ދަރިފުޅު ބޮޑުވަންދެން ކައިވެންޏެއްވެސް ނުކުރާށެވެ! ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިން ދަރިފުޅަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދޭށެވެ.
އެނިޔަތުގައި މަސައްކަތްކުރަނިކޮށް އޮފީހުގައި މަސައްކަތު އުޅޭ އަންހެނަކަށް އެކަނިވެރި މއަކަށް ވާންޖެހުނެވެ. އޭނާގެވެސް ހުރީ އެންމެ ދަރިއެކެވެ. އަމިއްލަ ދަރިފުޅާއި އެއް ޢުމުރުގެ ކުއްޖެކެވެ. އޭނާ ޤަޞްދުކުރީ އެދަރިފުޅަށްވެސް އެހީތެރިވެދޭށެވެ. އެހެންވެ އަތުގައި ހުރިވަރަކުން އެކުއްޖާއަށްވެސް އައީ އެހީތެރިވަމުންނެވެ.
ދެކުދިން ބޮޑުވެ ކިޔަވައި ނިމިއްޖެއެވެ. ދަރިފުޅު ކައިވެނިކުރީ ވަޒީފާއަދާކުރި ރިޒޯޓުގައި މަސައްކަތްކުރި ބޭރުމީހަކާއިއެވެ. ކައިވެންޏަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޗުއްޓީއަކަށް ކަމަސްބުނެ ފުރައިގެން ދިއަ ގޮތަށް ދަރިފުޅުގެ ޚަބަރެއްވެސް ނުވިއެވެ.
ލިބުނު ދެރައިން އެވާހަކަ އެކުވެރި އަންހެން މީހާއަށް ޙިއްޞާކުރިއެވެ. ޙިއްޞާކުރިތާ 3 ވަނަރޭ ކައިނިމުނުތަނާ ދޮރުގެ ރަނގަބީލުޖެހުމުން ދޮރުހުޅުވިއިރު ދޮރުމަތީގައި ހުރީ އޭނާ އެހީތެރިވި ކުއްޖާއެވެ. ދަބަހެއްވެސް ހިފައިގެންނެވެ.
މަރުޙަބާ ކިޔައި ގެއަށް ވެއްދުމުން ބުންޏެވެ. "ތިއައީވެސް މަންމައެކެވެ. މިވާހަކަ ކިޔައިދޭން ލަދުވެސް ގަނެއެވެ. އެއީ ތިއަ މަންމަ އަހުރެންނަށް އެހައި ހެޔޮއޮރުވެސް އަހުރެންގެ މަންމަ ތިއަ މަންމައަށް ކަމެއް ސިއްރުޮށްފައި އޮތީތީއެވެ. އެކަމަކީ މަންމަގެ ދެވަނަ ކައިވެންޏެވެ. އެކަން ފުރަތަމަ އުޅުނީ އަހުރެންނަށްވެސް ސިއްރުކޮށްގެންނެވެ. އެނގުނީ އެތައް އަހަރެއް ފަހުންނެވެ. ދޮންބައްޕަ މަންމައަށް ޚަރަދުކުރެއެވެ. އަހުރެންނަކަށް ޚަރަދެއް ނުކުރެއެވެ. މަންމަގެ އިތުރުން އަހުރެންނަށް ޚަރަދުކުރީ ތިއަ މަންމައެވެ.
ދޮންބައްޕައަކީ އިންޑިއާ މީހެކެވެ. މުސްލިމެއްވެސް ނޫނެވެ. ދެމީހުން ކައިވެނިކުރީވެސް އިންޑިއާގެ ފައްޅިއެއްގައެވެ. ތިއަ މަންމައަށް އެކަން ސިއްރުކުރި ސަބަބަކީ އެއީ ކަމަށްވެސް ވެދާނެއެވެ. މަންމަ މިއަދު އެމީހާ އާއިއެކުގައި އިންޑިއާއަށް ފުރައިފިއެވެ. ބުނީ އެނބުރި އަންނާނެ ކަމަށެވެ. ނަމަވެސް ފުރަން ތައްޔާރުވަމުން އައިއިރު ފޯނުން ދެއްކި ވާހަކަތަކުން އެނބުރި އަންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.
ތިއަ މަންމަގެ ދަރިފުޅު އެކަނިވެރިވެފައި އިންކަން އެނގުނީ އިއްޔެ މަންމަ ބުނީމައެވެ. މަންމާއެވެ. އަޅުގަނޑަށް ލިބޭ މުސާރައިން ކުލިދައްކައިގެން އެތަނުގައި އިނދެވިދާނެއެވެ. ނަމަވެސް މަންމަ ޤަބޫލުނަމަ އަހުރެން ބޭނުންވަނީ ތިއައީ މަންމަ ކަމަށް ޤަބޫލުކޮށްގެން މަންމަގެ ގާތުގައި އުޅޭށެވެ. ދެން މަންމަ ވަޒީފާއަށް ދާނެ ކަމެއް ނެތެވެ. މަންމަގެ ހުރިހާ ކަމެއް ބަލަހައްޓާނަމެވެ. މަންމަ ދާހިތްވާނަމަ ވަޒިފާއަށް ދިއުމަކަށްވެސް މައްސަލައެއް ނެތެވެ. މަންމަ ވަޒީފާއަދާކުރިޔަސް މަންމައާއި ގޭގެ ޚަރަދުތައް ބަލަހައްޓާނީ އަހުރެންނެވެ."
އަންހެންމީހާއަށް އުފަލުން ރޮވުނެވެ. އެދަރިފުޅުގެ ގައިގައި ބައްދައިލެވުނެވެ. މަރުޙަބާ ކިޔައި ގޭގައި ބެހެއްޓިއެވެ. މިހާރު އެއިގެ ފަހުން 5 އަހަރެވެ. ކައިވެނިކޮށް ދަރިއަކުވެސް ލިބިއްޖެއެވެ. ފިރިމީހާއަކީވެސް އަމިއްލަ މަސައްކަތްކޮށްގެން ރަނގަޅު އާމްދަޏީއެއް ހޯދާ މީހެކެވެ.
މިއަދާއި ހަމައަށްވެސް ފުރައިގެން ދިއަ ދަރިފުޅުގެވެސް އަދި މަންމަގެވެސް އެއްވެސް ޚަބަރެއް ނުވެއެވެ. އެހެންވެ ގެއާއި ގޯތިވެސް އެދަރިފުޅަށް ދީފީމެވެ.
ޢުމުރުން 50 އަހަރަށްވުރެ މައްޗަށް ދިއަ ފަހުން އެދަރިފުޅުގެ ބާރުއެޅުމުގެ ސަބަބުން މިހާރު އަންހެން މިހާ ވަނީ ކައިވެންޏެއްވެސް ކޮށްފައެވެ. ދެމަފިރިންނަށް ކުރަންޖެހޭ ކަމަކީ ލޯބިން އެކުގައި އުޅުމާއި އަޅުކަންކުރުމެވެ. ގޭގެ މަސައްކަތްވެސް ކުރުވަނީ ނޯކަރަކު ލައްވައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ވާހަކައެއްގޮތަށް މިގެނެސްދިނީ އަޅުގަނޑުގެ ޙަޔާތެވެ. އެނަޞީބުވެރި މަންމަގެ ޙަޔާތެވެ. ފަހަރެއްގައި މިވާހަކަ އަޅުގަނޑުގެ ދަރިފުޅުވެސް ކިޔައިﷲާނެ ކަމަށް ބުނެލާނަމެވެ. ދަރިފުޅާއެވެ. އެއްވެސް އެހީތެރިކަމަކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ދުނިޔޭގައި ހުރިކަން އަންގާލަދިނިއްޔާ ވަރަށް އުފާވާނަމެވެ. ދަރިފުޅާއިމެދު އެއްވެސް ޝަކުވާއެއްވެސް ނެތެވެ. ހިތް ވަރަށް ސާފެވެ. ގެ މިދަރިފުޅަށް ނުދީ ހުއްޓައި މަރުވެއްޖިއްޔާ ގެ ފަޅުވެދާނެ ކަމުގެ ބިރަށެވެ.
- މަރްޔަމް ދީދީ / މިއަދުނޫހުގެ ކިޔުންތެރިއެއް