މިނިވަން ދުވަހާއި ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި ޕާސްޕޯޓު ހެއްދުމާއި ދޫކުރުމުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން މިކަން އިއުލާންކޮށްފައިވަނީ ޖުލައި 26 އިން 28 އަށް ސަރުކާރު ބަންދުވާތީ، ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ ގޮތުންނެވެ. މި ދުވަސްތަކުގައި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.
ޖުލައި 26 ވަނަ ދުވަހު ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. އަދި ހަމަ މި ގަޑީގައި އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. ނަމަވެސް މި ދުވަސްކޮޅު ޚިދުމަތް ދެވޭނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުން އެކަންޏެވެ.
ޖުލައި 27 އަދި 28 ވަނަ ދުވަހު ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށެވެ. މި ދެ ދުވަހުވެސް އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިން ނަންބަރު 9555333 އަށް ގުޅުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ. މިއީ ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ޚާއްސަ ނަންބަރެކެވެ.