ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްޑީއެފްސީ ގަތުމުގެ މައިގަނޑު މަޤްޞަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިންގ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިންގ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުން ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ މި ނިންމުމުގެ ސަބަބުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިޤްތިޞާދަށް ފުދުންތެރިކަން އިތުރުކުރެވޭނެ ކަމަށެވެ. އަދި އެމްއެސްއެމްއީ ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، ޑިޖިޓަލް ލެންޑިންގ ޕްލެޓްފޯމް އަދި ޑިޖިޓަލް މާކެޓްޕްލޭސް ފަދަ ހާއްސަ މާލީ ހައްލުތަކާއެކު ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެސްޑީއެފްސީއިން ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު އިސްލާމިކް ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލްއިން ހާމަކުރިއެވެ. މި ޑިޖިޓަލް ބޭންކުގެ އައު ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދެވޭނެއެވެ.
ބީއެމްއެލްގެ ސަބްސިޑައިރީއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޑިޖިޓަލް ފަސްޓް ސަބްސިޑައިރީ މެދުވެރިކޮށް، އެސްޑީއެފްސީއިން ކުރިން ފައިނޭންސް ދޫކުރަމުން އައި ޖުމްލަ ނިސްބަތަށްވުރެ އިތުރަށް ފައިނޭންސް ދޫކުރާނެ ކަމަށާއި، އެސްޑީއެފްސީން އެމްއެސްއެމްއީތަކަށް ދީފައިވާ ފަހި ޝަރުތުތަކާއެކު ފައިނޭންސް ދޫކުރާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ ފުރަތަމަ އަހަރުގެ ތެރޭގައި މި ސަބްސިޑައިރީ މެދުވެރިކޮށް 500 މިލިޔަން ރުފިޔާގެ ފައިނޭންސިންގ ދޫކުރުމެވެ. އަދި މުޖުތަމަޢުގެ ތަރައްޤީއާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށްޓަކައި މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް 3 އަހަރުގެ ތެރޭގައި 300 މިލިޔަން ރުފިޔާ އިންވެސްޓްކުރާނެ ކަމަށްވެސް އެ ބޭންކުން ހާމަކޮށްފައިވެއެވެ.