2025 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޒަކާތު ފަންޑުން 30.7 މިލިއަން ރުފިޔާ ޒަކާތުގެ ބެހެނިވެރިންނަށް ވަނީ ހޭދަކޮށްފައެވެ. މި ފައިސާ ހޭދަކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންނަށާއި، ހާލުގައިޖެހިފައިވާ ދަތުރުވެރިންނަށާއި، ފީސަބީލިﷲ ބަޔަށާއި އަދި ޢާމިލުންނަށެވެ.
ޒަކާތު ފަންޑުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ސީދާ އެހީގެ ގޮތުގައި ބޮލަކަށް 5،000 ރުފިޔާގެ މަގުން 14.2 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ. އަދި ނުސީދާގޮތުން ފަޤީރުންނާއި މިސްކީނުންގެ ބައިން ޚާއްޞަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހޭ ފަރާތްތަކަށް 78،377.97 ރުފިޔާގެ އެހީ ދެވިފައިވެއެވެ.
ފަޤީރުންނާއި މިސްކީނުންގެ ތެރެއިން ފުދުންތެރިކަން ނެތް 594 މީހަކަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި 8،509،141.06 ރުފިޔާ ވޭތުވެދިޔަ 6 މަސްދުވަހު ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާއަށް 2.4 މިލިއަން ރުފިޔާއެވެ. އަދި އެހެނިހެން ބަލިތަކަށް 4.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މީގެއިތުރުން ޢާމިލުންގެ ބައިން އިދާރީ މުވައްޒަފުންގެ އުޖޫރައަށް 1.8 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2024 ގެ ޕެނަލިސްޓުންނަށް 4،775.86 ރުފިޔާ ހޭދަކުރެވިފައިވާކަން ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.