ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޓިކެޓު ބުކްކުރާއިރު އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަން ނުޖެހޭ ގޮތަށް އައިލެންޑް އޭވިއޭޝަނުން ހަމަޖައްސައިފިއެވެ. މި ބަދަލު އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނިގޮތުގައި، މީގެ ފަހުން ޓިކެޓު ބުކްކުރުމަށް ބޭނުންވާނީ ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މަޢުލޫމާތުތައް ހިއްސާކުރުން އެކަންޏެވެ. މި ބަދަލާއެކު ކަސްޓަމަރުންނަށް ޓިކެޓު ބުކްކުރުމުގެ މަރުހަލާ ފަސޭހަވެގެންދާނެއެވެ.
ނަމަވެސް، ހިއްސާކުރާ މަޢުލޫމާތުތަކުގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިއްޖެނަމަ، އެކަން އީމެއިލް މެދުވެރިކޮށް ނުވަތަ މޯލްޑިވިއަންގެ ކޯލް ސެންޓަރު 1671 އަށް ގުޅައިގެން ހައްލުކުރެވޭނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އައިލެންޑް އޭވިއޭޝަނުން މި ބަދަލު ގެނައީ ކަސްޓަމަރުންގެ ޕްރައިވަސީ ރައްކާތެރިކުރުމަށާއި، ޚިދުމަތް ހޯދުމުގައި ފަސޭހަކޮށްދިނުމުގެ މަޤްސަދުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެހެންނަމަވެސް، ދަތުރުކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް މުއްދަތު ހަމަނުވާ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓު އަތުގައި އޮންނަންޖެހޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން އިތުރަށް ފާހަގަކޮށްފައިވެއެވެ.