މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ހަމަޖައްސާފައިވާ މިނިމަމް ރިޒަރވް ރިކުއަރމަންޓް (އެމްއާރްއާރް) 7.5 އިންސައްތައިން 5 އިންސައްތައަށް ދަށްކޮށްފިއެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
މި ބަދަލަކީ އޮކްޓޯބަރު 2024 ގައި އެމްއެމްއޭ އިން ބޭރު ފައިސާގެ އެމްއާރްއާރް 10 އިންސައްތައިން 7.5 އިންސައްތައަށް ދަށްކުރުމަށްފަހު، ގެނެވުނު ފުރަތަމަ ބަދަލެވެ. އެހެންނަމަވެސް، ދިވެހި ރުފިޔާގެ ރިޒަރވް ރިކުއަރމަންޓް ވަނީ 10 އިންސައްތައިގައި ހިފަހައްޓާފައެވެ.
އެމްއާރްއާރްއަކީ ބޭންކިންގ ނިޒާމުގެ ތެރޭގައި ދައުރުވާ ލިކުއިޑިޓީ މެނޭޖްކުރުމަށް މަރުކަޒީ ބޭންކުތަކުގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގެންގުޅޭ މުހިންމު ވަޞީލަތެކެވެ. މިގޮތުން ހުރިހާ ވިޔަފާރި ބޭންކުތަކުން މަރުކަޒީ ބޭންކުގައި ކަނޑައެޅިފައިވާ މިންވަރެއް ރިޒަރވްގެ ގޮތުގައި ބަހައްޓަން ޖެހެއެވެ.
އެމްއެމްއޭއިން މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރު ލުޔެއް ހޯދައިދިނުމެވެ. މި ބަދަލުގެ ސަބަބުން ބޭންކިންގ ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާގެ ލޯނު ދޫކުރުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.
މި ބަދަލާ ގުޅިގެން ބޭންކުތަކަށް ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނު ދިނުމަށް ޓަކައި ލިބިގެންދާނެކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ. މިއީ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ކުރިއެރުވުމަށް ލިބިގެންދާނެ ބާރެއްކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.