މާލެ ސަރަހައްދުގައި ދުއްވާއެއްޗެހި ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރަމުންދިޔަ ގަވާއިދާ ހިލާފަށް އުޅޭ 7 ބިދޭސީން އިއްޔެ ހަވީރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ބިދޭސީން ހައްޔަރުކުރެވިފައިވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 7 ބިދޭސީން ވަނީ ޗެކްކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. އަދި ޗެކްކުރެވުނު ހުރިހާ ބިދޭސީންނަކީވެސް ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުން ދިޔަ ފަރާތްތަކެއް ކަމަށް ވުމާއެކު، އެފަރާތްތައް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ފާއިތުވި މަސްތަކުގައި މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ދުއްވާއެއްޗެހި ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވެފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މިފަދަ މަސައްކަތްތައް ކުރުމަށް ހުއްދަ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ނުނަގައި މަސައްކަތްކުރަމުންދާކަން ވެސް ފާހަގަކުރެވިފައިވެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާރު ދަނީ އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ހިންގާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.