ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީނާއެކު، ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީ އާއި، ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ އަދި ފުޖިއަން ޕްރޮވިންސްގެ ނައިބު ގަވަރުނަރު ވެއި ޝިއާއޯގުއީ ވަކިވަކިން ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވުނު ބައްދަލުވުމުގައި، ސަޢޫދީ ސަފީރު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނާއި ރައްޔިތުންގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި ދެޤައުމުގެ މެދުގައި އޮންނަ އެކުވެރި އަޚްވަންތަ ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައިވެއެވެ.
ޗައިނާގެ ސަފީރާއެކު ބޭއްވުނު ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައިވާ ދިގުދެމިގެންދާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، އެއްބާރުލުން ދިނުމުގެ އާ ފުރުސަތުތައް ހޯދައި، އެކަންކަމަށް މަސައްކަތްކުރުމަށްވެސް އެއްބަސްވެވުނެވެ.

ފުޖިއަން ޕްރޮވިންސްގެ ނައިބު ގަވަރުނަރާއެކު ބޭއްވުނު ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވައި، ކުރިއަށް އޮތްތަނުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި މި ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކުރިއަށް އޮތްތަނުގައި އެކުވެރިކަމުގެ އައު ދޮރުތައް ހުޅުވުމެވެ.