ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމާ ގުޅިގެން އެއަރޕޯޓު ބާރުބޮޑުވެ، ތޮއްޖެހުން އިތުރުވާނެކަމަށް ބެލެވޭތީ، ބައިނަލްއަޤްވާމީ ދަތުރުތަކަށް ފުރާ ފަސިންޖަރުން ފުރުމުގެ 3 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް ގައުމީ އެއަރލައިން މޯލްޑިވިއަން އިން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވިއަންއިން ބުނެފައިވަނީ، ޖުލައި 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފަސެންޖަރ ޓާމިނަލް ހުޅުވުމާ ގުޅިގެން އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އިތުރުވެ، އެއަރޕޯޓާއި އެ ސަރަހައްދުތަކުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވެ، ތޮއްޖެހުން ބޮޑުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ކަމާ ގުޅިގެން، ބައިނަލްއަޤްވާމީ ދަތުރުތަކަށް ފުރާ ފަސިންޖަރުން ފުރުމުގެ 3 ގަޑިއިރު ކުރިން އަދި އެތެރޭގެ ދަތުރުތަކަށް ފުރާ ފަސިންޖަރުން ފުރުމުގެ 2 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް މޯލްޑިވިއަންއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ވީހާވެސް އަވަހަކަށް ޗެކްއިން ކުރުމަށާއި، ސެކިއުރިޓީ ކްލިއަރެންސް ފުރިހަމަކުރުމަށްވެސް މޯލްޑިވިއަންއިން ވަނީ އެދިފައެވެ. މީގެ އިތުރުން، ކުރިއާލާ ދަތުރު ރާވައި، މަގުތައް ތޮއްޖެހޭނެކަމަށް ބަލައި، އެއަރޕޯޓަށް ވަގުތު އޮއްވައި އައުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މޯލްޑިވިއަންއިން ބުނެފައިވަނީ، ދަތުރުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދަތުރުކުރާ ހުރިހާ ފަސިންޖަރުންވެސް މިކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.