އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހުޅުމާލޭގައި އިންޑިއާގެ އެހީގައި އިމާރާތްކޮށްފައިވާ 3300 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި، ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
މި ހައުސިން ޔުނިޓްތައް ހަވާލުކުރެވުނީ ދެ ޤައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބަސްވުން ބަދަލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދެއްވި 227 މިލިޔަން ޑޮލަރު (3.5 ބިލިޔަން ރުފިޔާ) ގެ ލޯނުގެ އެހީގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖުމްލަ 4،000 ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށްދެއެވެ. މި މަޝްރޫޢުގެ ދަށުން ކޭޕީއައިއެލްއިން 16 ޓަވަރާއި އެންބީސީސީން 16 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރިން ނިމިފައިވާ 700 ހައުސިން ޔުނިޓް ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ހަވާލުކުރައްވާފައެވެ.
މީގެއިތުރުން، އިންޑިއާއިން ވަނީ ދިވެހިރާއްޖޭގެ ދިފާޢީ ބާރަށް 72 ވެހިކަލް ހަދިޔާކުރައްވާފައެވެ. މީގެ ތެރޭގައި 27 ގޮނޑީގެ 8 ބަސް، 10 ޕިކަޕް، 10 ކުދި ވޭން، 10 ވޭން، 5 ލޮރީ، 8 ޓްރެކްޓަރ، 4 ޓިޕަރ ޑަމްޕް ޓްރަކް، 4 ބެކްހޯ ލޯޑަރ، 2 ކެރޭން، 6 މިނީ އެކްސްކަވޭޓަރ އަދި 5 އެކްސްކަވޭޓަރ ހިމެނެއެވެ.
މި ހަދިޔާތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެއްވާ އެހީތެރިކަމުގެ އިތުރު ހެއްކެކެވެ.