މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް އިންޑިއާ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް އިންޑިއާ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ އެންޑް ޑެއިރީއާއި މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާގައި ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމަށްޓަކައި އެކުއަކަލްޗަރ ކުރިއެރުވުމާއި، މަސްވެރިކަމަށް ބިނާކޮށްފައިވާ ތިމާވެށްޓާ ރައްޓެހި ފަތުރުވެރިކަން ކުރިއެރުވުމާއި، އަދި ދެ ޤައުމުގައިވެސް އިޖާދީ ކަންކަމާއި ސައިންޓިފިކް ދިރާސާތައް ކުރުމަށް އެހީތެރިވެދިނުމެވެ.

މީގެ އިތުރުން ވެލިއު ޗެއިން ތަރައްޤީކުރުމާއި، ތަމްރީނާއި، ދިރާސާތަކުގައި އެއްބާރުލުން ދީ މަސްވެރިކަމުގެ ދާއިރާގެ ޤާބިލުކަން އިތުރުކުރުމާއި، ދިވެހި ރާއްޖޭގެ މެރިކަލްޗަރ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.

މި ފަހުމުނާމާއަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ވަސީލަތްތައް ބޭނުންކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ދެ ޤައުމުން ކުރާ މަސައްކަތްތަކަށްވެސް އެހީތެރިވެދޭނެ ފިޔަވަޅެކެވެ. މިގޮތުން ދެ ޤައުމުގެ މެދުގައި ހިއްސާކުރެވޭ މަޢުލޫމާތާއި ތަޖުރިބާގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

މިފަހުމުނާމާއަކީ ދިވެހިރާއްޖެ އާއި އިންޑިއާގެ މެދުގައި މަސްވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މީގެ ސަބަބުން ދެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާއަށް ފައިދާކުރަނިވި ނަތީޖާތަކެއް ޙާޞިލުކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ކުރިއަރައިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން