ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އެންމެ ގާތް ޤައުމު: މޯދީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އެންމެ ގާތް ޤައުމު: މޯދީ

ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އެންމެ ގާތް ޤައުމުކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ބަޔާނެއްގައި މޯދީ މިވާހަކަ ވިދާޅުވިއެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވި ގޮތުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ މިއަހަރަށް 60 އަހަރު ފުރުން ފާހަގަކުރި ނަމަވެސް ދެ ޤައުމުގެ ގުޅުމަކީ އެއަށްވުރެ ޒަމާންވީ ގުޅުމެކެވެ. އަދި "ނެއިބަރހުޑް ފަރސްޓް" ޕޮލިސީއާއި "މަހާސާގަރު" ތަސައްވުރުގައިވެސް ރާއްޖެއަކީ މުހިންމު ހިއްސާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޑިއާއަކީ ރާއްޖެ އެންމެ އިތުބާރުކުރާ ޤައުމަށްވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ޤައުމަކީ އިންޑިއާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރެވުނު ކަންކަން މިއަދު ހަގީގަތަކަށް ވެގެންދިއުމަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ހެއްކެއްކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން