ތިބާގެ މުސްތަޤްބަލުގެ އަމާޒަކީ ކޮބައިކަމާއިމެދު ސުވާލުކުރެވިއްޖެ ނަމަ ކޮންމެ ޒުވާނަކުވެސް ބުނާނީ މެޑިކަލް ޑޮކްޓަރަކަށްވުން، އިންޖިނޭރަކަށްވުން، މިހެން ގޮސް އެންމެ ގިނައިން ފައިސާ ލިބޭނެ މަސައްކަތެއް ކުރާ މީހަކު ކަމުގައިވުން ކަމަށެވެ. ނޫންނަމަ އެންމެ ގިނައިން ފައިސާ ލިބޭނެ މިވެނި އެވެނި މަސައްކަތެއްކުރާ މީހަކުކަމުގައިވުން ކަމަށެވެ.
އެހެންކަމާއިއެކުވެސް މިކިޔައިދޭ ޒުވާން ކުއްޖާގެ ވާހަކަ އަޑުއަހާށެވެ. ޢުމުރުން 18 ވަރަކަށް އަހަރުގެ ޒުވާން އަންހެންކުއްޖެކެވެ. އިތުރަށް ވިސްނައިލުމެއްވެސް ނެތި އޭނާ ބުނީ އޭނާގެ ބޭނުމަކީ ސުވަރުގެ ދިއުން ކަމަށެވެ.
އެހެން ބުނުމުން ގިނަބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. ނަމަވެސް އެއްވެސް މީހަކު އިތުރަށް އޭނާ އާއި އެއްވެސް ސުވާލެއް ނުކުރެއެވެ. އެންމެންވެސް ދުށީ އެއީ ހަމަ އޭނާ ބުނެލި ބަހެއް ކަމަށެވެ. އެހެނެއް ކަމަކު އަހުރެން ދިއައީ ހަމަ ސިއްސައިގެންނެވެ. އެއީ އެހައި ޒުވާން ކުއްޖަކު އެފަދަ ބަހެއް ބުނީތީއެވެ. އެކަމުގެ ވިސްނުން އޭނާއަށް ލިބުނު ގޮތަކާއިމެދު ކަންބޮޑުވެވުނެވެ.
ކޮންމެއަކަސް މިކަން ހިނގީ މީގެ އަހަރުތަކެއް ކުރިންނެވެ. އެކުއްޖާއަކީ ކާކުކަން ނުއެނގޭތީ މިހާރު އެކުއްޖާގެ ޙާލަކީ ކޮބައިކަމެއް ނުއެނގެއެވެ. އެހެންކަމާއިއެކުވެސް މިފަދަ ޢަޒުމެއްގައި ކުޑައިރުންސުރެ މަސައްކަތްކުރަމުން އައި އެހެން ކުއްޖެގެ ވާހަކަ ކިޔައިދީފާނަމެވެ.
އޭނާއަށް 35 އަހަރުވީއިރުވެސް ލޯބިވެރިއަކުވެސް ނުހޯދައެވެ. ބަލަމުން ދިއައީ ވީހައި ތަޤްވާވެރި ދިރިއުޅުމެއް އުޅެވޭތޯއެވެ. ދިރިއުޅޭނެ ފައިސާ ހޯދަން މަސައްކަތްކުރީ މަސައްކަތް ދަސްކޮށްގެން ގޭގައި ހުރެގެންނެވެ. ފިރިހެނުންނާއި މަސްހުނިވާން އޭނާ އޮފީހަކަށް ނުދެއެވެ. ފިރިހެނުން އެއްވެ ތިބޭ ރެސްޓޯރަންޓްތައް ފަދަ ތަންތަނަކަށްވެސް ނުދެއެވެ.
އެހެންކަމާއިއެކުވެސް ކޮންމެ ކަމެއްވެސް އެކަމެއްގެ ވަޤުތު ޖެހުމުން ވާނެކަމަށް ބުނެވޭ އުޞޫލުގެ ތެރެއިން މިހާރުވަނީ ކައިވެނިކޮށްފައެވެ. އޭނާގެ ދައްތައަކަށް ކުރަން އުޅުނު ކޯލެއް، ނަންބަރު ޖެހުމުގައި ޖެހުނު ކުށަކުން ގުޅުނު ފިރިހެނަކާއި އުފެދުނު ގުޅުމުގެ ތެރެއިންނެވެ. ދެމީހުން ބައްދަލުކުރީ ކައިވެނީގެ ރަސްމިއްޔާތުގައެވެ. ކައިވެނި މިކުރެވުނީ އަވަށުގެ އެންމެ ތަނަވަސް، އެންމެ ތަޤްވާވެރި އެކެއްގެ ދަރިފުޅާއިކަންވެސް އެނގުނީ ކައިވެނި ކުރި ފަހުންނެވެ.
މިއަދު އެދެމަފިރިންނަކީވެސް ތަޤްވާވެރި ދިރިއުޅުމެއް އުޅެމުން އެހެން މީހުންނަށް މަގުދައްކައިދީގެން ސުވަރުގެ ގެންދެވޭތޯ މަސައްކަތްކުރަމުން އަންނަ ދެމަފިރިންނެވެ.
ބުނެލަން ބޭނުންވަނީ އެންމެ ކުޑައިރުންސުރެވެސް ތިމާގެ އަމާޒަކީ ސުވަރުގެ ދިއުން ކަމަށް ހަދައިގެން އެކަމަސް އެދިގެން މަސައްކަތްކުރާނަމަ އެމީހަކަށް ﷲ ތަޢާލާ މަގުދައްކަވާނެތެވެ. އިން ޝާ ﷲ
- މިއަދުނޫހުގެ ބައިވެރިއެއް
- ޢިބްރަތްތެރި ވާހަކަ-