އެއީ ދެލޯބިވެރިންނެވެ. ލޯބިވެރިންކަމުގައިވީނަމަވެސް ވަޙީދަށް ތެދުވެރިއެއް ނުވެވެއެވެ. އަބަދުވެސް އޮންނަނީ ކޮންމެވެސް އަންހެންކުއްޖަކާއި ގުޅުންހުރި މައްސަލައެއް ކުރިމަތިވެފައެވެ. އެކަން އިޞްލާޙްކުރަން ބުނެބުނެވެސް އިޞްލާޙް ނުކުރުމުން ފާއިޒާ މާލެ ދޫކޮށް ފުރައިގެން ރަށަށް ދިއައީއެވެ.
ރަށަށްދިއަތާ މަހެއްހައިދުވަސްވެސް ނުވަނީސް ހޮޑުލެވެން ފެށުމުން ޑޮކްޓަރަށް ދެއްކުމުން އެނގުނީ ބަލިވެއިންކަމެވެ. ކުރެވޭނެ ކަމެއް ނެތެވެ. ފާއިޒާ ނިންމީ ޙަޤީޤަތް އެކަކަށްވެސް ކިޔައި ނުދިނުމަށެވެ. އެހެންވެ އުޅުނީ ފިރިއަކު އެބަހުރިކަމަށް ހެދިގެންނެވެ. ފާއިޒާއަކީ ނަރުހެކެވެ. އެހެންވެ ރަށުގެ ހޮސްޕިޓަލުން ވަޒީފާ ހޯދައިގެން އުޅޭތީ ދަރިފުޅު ބަލާކަށް ދައްޗެއް ނުވެއެވެ.
ފާއިޒާއާއި ކައިވެނިކުރަން ރަށުގެ ޒުވާނުން މަސައްކަތްކުރުމުންވެސް ބުނަނީ ފިރިއަކު އެބަހުރިކަމަށެވެ. ނަމަވެސް ފިރިމީހާ ރަށަށް ނުއަންނާތީ އާއި ފާއިޒާ މާލެނުދާތީ އެކަން ރަށުގެ އެކަކުވެސް ޤަބޫލެއް ނުކުރެއެވެ. މަލާމާތްކުރެއެވެ. ނަމަވެސް އެއެކަމަށް ފާއިޒާ އެއްވެސް ސަމާލުކަމެއް ނުދެއެވެ.
އެގޮތުގައި އަހަރުތައް ހޭދަކުރަމުންގޮސް ދަރިފުޅަށް 7 އަހަރުގައި ފާއިޒާ މާލެއައެވެ. ލޯންޗް މަޑުކުރީ ޖުމްހޫރީ މައިދާން ސަރަޙައްދަށެވެ. ޓެކްސީއެއް ހުއްޓުވަން އަތްނަގަމުންދަނިކޮށް ކާރެއް ހުއްޓިއެވެ. ކާރަށް އަރައި ދާންވީ އެޑްރެސް ބުނުމުން ކާރު ދުއްވައިލިއެވެ. ނަމަވެސް ގެންދިއައީ ބުނި އެޑްރަހަކަށް ނޫނެވެ. އޮފީހަކަށެވެ.
ފާއިޒާއަށް ޑްރައިވަރުގެ މޫނު ފެނުނީ އެހިސާބުންނެވެ. އެމީހަކީ އޭނާގެ ލޯބިވެރިޔާ ވަޙީދެވެ. ވަޙީދު އެއްވެސް އިތުރު ވާހަކައެއް ނުދައްކައި ބުނީ އޭނާގެ ފަހަތުން އައުމަށެވެ. ފާއިޒާ އޭނާގެ ފަހަތުން ދިއައެވެ. ގޮސްވަނީ ވަޙީދުގެ ކެބިނަށެވެ.
ވަދެފައި ވަޙީދު ދެމައިން ސޯފާގައި ބައިތިއްބާފައި ގޮސް ވަތްގަނޑުން ސިޓީއުރައެއް ނަގައި ދިއްކޮށްލާފައި ބުންޏެވެ. "ފާއީއެވެ. ފާއީ ކައިވެނިކޮށް ދަރިއަކު ހޯދީތާއެވެ. ވަޙީދު އަދިވެސް މިހުރީ ފާއީގެ އިންތިޒާރުގައެވެ. ވަޙީދުގެ ކުށް ވަޙީދު ޤަބޫލުކުރަމެވެ. ތިއަ އުރައިގައި ތިއައޮތީ އަހުރެން ފާއީއަށް ހުޅުމާލެއިން ގަނެފައިވާ ލަގްޒަރީ ފްލެޓުގެ ރަޖިސްޓްރީއެވެ. ފަރުނީޗަރުވެސް ހުންނާނީ ވައްދާފައެވެ. އެތަނަށް ގޮސް އެތަނުގައި އިންނާށެވެ. ކިތަންމެ ދުވަހަކު އިނަސް ދެމަފިރިންނަށާއި ދަރިފުޅަށް ކުރަންޖެހޭ ޚަރަދުކުރާނަމެވެ. ފިރިމީހާ ގެނުވާށެވެ. ވަޒީފާވެސް ދޭނަމެވެ. ފާއީގެ ދަރިފުޅު ކިޔަވަންވާނީ މާލޭގެ އިންޓަރނޭޝަނަލް ސްކޫލަކުންނެވެ. އެޚަރަދުވެސް ކުރާނަމެވެ."
ފާއިޒާ އަނގައިން ނުބުނެ އިންނަން ފެށުމުން ދަރިފުޅާއި ސުވާލުކުރިއެވެ. "ބައްޕަކޮބައިހެއްޔެވެ؟ ބައްޕަގެ ފޯނު ނަންބަރު ދަރިފުޅަށް އެނގޭ ހެއްޔެވެ؟" ދަރިފުޅު ބުންޏެވެ. "އަދި ދުވަހަކުވެސް ބައްޕައެއް ނުދެކެމެވެ. ވާހަކައެއްވެސް ނުދައްކަމެވެ. މަންމަ ބުނަނީ ކޮއްކޮގެ ބައްޕައުޅެނީ މާލޭގައި ކަމަށެވެ."
ވަޙީދު ދިއައީ ސިއްސައިގެންނެވެ. ރަނގަޅަށް ދަރިފުޅަށް ބަލައިލިއެވެ. ކަމަކުދާކަށް ނެތެވެ. އަމިއްލަ ސިފައާ މުޅިން އެއްގޮތެވެ. ތެޅިފޮޅިގަނެވުނެވެ. "ފާއީއެވެ. އަނގައިން ބުނެބަލާށެވެ! މިއީ އަހަރެމެން ދެމީހުންގެ ދަރިފުޅުދޯއެވެ. އަޅެ އަންގައިވެސްނުލަމެއް ނޫން ހެއްޔެވެ؟"
ފާއިޒާގެ ފުރަތަމަ ސުވާލަކަށްވެސްވީ މިހާރު މަހަކު ކިތައް ލޯބިވެރިން ގެންގުޅެންތޯއެވެ؟ ވަޙީދު ޖަވާބު ދިނެވެ. "މިއީ އެވަޙީދެއް ނޫނެވެ. ފާއީ ގެއްލުނު ހިސާބުން އެކުޅިވަރު ހުއްޓާލައިފީމެވެ. ފާއީ ހޯދަން ރަށަށްދާން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ނުދެވުނީ ކީއްވެގެންކަން ބުނާކަށް ނުއެނގެއެވެ."
ފާއިޒާ ވާހަކަދެއްކީ ދަރިފުޅާއެވެ. "ދަރިފުޅުގެ ބައްޕަ ތިހުރީއެވެ. ބައްޕަގައިގައި ބައްދާލާފައި ދޮނެއްދޭށެވެ!" އެެހންބުނާއިރަށް ވަޙީދު ގޮސް ފާއިޒާގެ ގައިގައި ބައްދައިލިއެވެ. ކޮނޑުގައި ބޯއަޅައިގެން އޮވެ ރޯން ފެށިއެވެ. ދަރިފުޅަށް ޖެހުނީ މަންމައާއި ބައްޕަގެ ގައިގައި ބައްދާލާފައި ދެމީހުންނަށް ދޮން ދޭށެވެ.
ފާއިޒާއަކަށްވެސް ވަޙީދަކަށްވެސް އެތަނުގައި ދަރިފުޅު ހުރިކަން އިޙްޞާޞްވެސް ނުވާފަދައެވެ. ބައްދަބައްދާފައި ރުއީއެވެ. ހިތްފުރެންދެން ދޮންނެގީއެވެ. 2 ގަޑިއެއްހައި އިރަށްފަހު އެކުގައި ނުކުމެގެން ކާރުގައި ދިއައީ ފާއިޒާއަށް ގަނެދީފައި ހުރި ފްލެޓަށެވެ. 3 ވަނަރޭ ކައިވެނިކޮށްފިއެވެ.
މިއީ މާކުރީގެ ވާހަކައެއް ނޫނެވެ. އެދެމަފިރިންގެ ކައިވެންޏަށް އަދި 2 މަސްވެސް ނުވެއެވެ. ކޮށްލަން އޮތީ ހަމަ އެންމެ ސުވާލެކެވެ. މިފަދަ ކަންކަން މިހާރުވެސް ހިނަގަމުންދާއިރު ޙަޤީޤީ ލޯބިވެރިން މިހާރު ނުއުޅޭކަމަށް ބުނެވެން އެބައޮތް ހެއްޔެވެ؟
- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް (ކުރިންސުރެ ފާއިޒާގެ އެންމެ ގާތް އެކުވެރިޠާ)