އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގެ މައްޗަށް އިސްރާއީލުގެ ސިޔާދަތީ ބާރު ތަންފީޒުކުރުމަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި މި ނިންމުމަކީ، ބައިނަލްއަޤްވާމީ ޤާނޫނާ މުޅިން ހިލާފު އަދި ނުރައްކާތެރި ނިންމުމެއް ކަމަށް ދިވެހި ސަރުކާރުން ދެކެމެވެ. އަދި މި ފަދަ ނިންމުންތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅި މަސްރަހު އިތުރަށް ހޫނުވެ އަދި އެ ސަރަޙައްދުގައި ސުލްޙަވެރި ޙައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް އިތުރު ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.
ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް، އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލަމެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކެމެވެ.